ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ މައްޗަށް އުފުލާފައިވާ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅި ކަމުގެ ދައުވާ ލިބޭ، ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިނަށް ވަކީލަކު އައްޔަނުކުރުމަށް އެންމެ ފަހުގެ ފުރުސަތު ކްރިމިނަލް ކޯޓުން މިއަދު ދީފިއެވެ.

އަލީ ހުސައިން ފިޔަވައި އެ މައްސަލާގައި ދައުވާ ލިބޭ އެހެންހުރިހާ މެންބަރުން ވަނީ ވަކީލަކު ހަމަޖައްސާފައެވެ. މީގެ ކުރިން ވެސް އަލީ ހުސެއިންނަށް ވަނީ ވަކީލަކު ހަމަޖެއްސުމަށް ދެ ފަހަރެއްގެމަތިން ވަނީ ފުރުސަތުދީފައެވެ.

މިއަދު ހަވީރު ކުރިއަށް ގެންދިޔަ ޝަރީއަތުގެ މަޖިލީހަށް ވެސް އަލީ ހުސައިން ވަޑައިގަތީ ގިނިކަންޏާއެވެ. ވަކީލު ކޮބައިތޯ ގާޒީ އާދަމް އާރިފް އެއްސެވުމުން އަލީ ހުސައިން ވިދާޅުވީ އޭނާ އިހްތިޔާރުކުރާ ވަކީލަކު އައްޔަނުކުރުމުގެ ފުރުސަތު ގާނޫނު އަސާސީން ލިބިދޭ ކަމަށެވެ. ނަމަވެސް އެ ވަކީލު މިވަގުތު ހުންނެވީ ޝަރުއީ ކޯޓުތަކުގައި ވަކާލާތު ނުކުރެވޭގޮތަށް ސަސްޕެންޑުކޮށްފައި ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

ނަމަވެސް ގާޒީ އާދަމް އާރިފް ވިދާޅުވީ ވަކީލަކު ސަސްޕެންޝަނެއްގައި ހުރުމަކީ ޝަރީއަތް ނުފަށައި މަޑުކުރެވޭނެ އުޒުރެއް ނޫން ކަމަށާއި ފަސް ދުވަސް ތެރޭގައި ވަކީލަކު ހަމަޖައްސައި ކޯޓަށް އަންގަންވާނެ ކަމަށެވެ. އަދި އެއީ އަލީ ހުސެއިނަށް ވަކީލަކު އައްޔަނުކުރުމަށް ދޭ އެންމެ ފަހު ފުރުސަތުކަން ފާހަގަކޮށް ގާޒީ އާދަމް އާރިފް ވިދާޅުވީ މިމަހުގެ 25 ވަނަ ދުވަހު ބާއްވާ ޝަރީއަތުގެ މަޖިލީހަށް ވަކީލަކު ހާޒިރުނުވެއްޖެ ނަމަ އަލީ ހުސައިން އަމިއްލައަށް ދައުވާއަށް ޖަވާބުދާރީ ވާން ޖެހޭނެ ކަމަށެވެ

ވަކީލަކު ހަމަޖެއްސުމަށް އަލީ ހުސެއިންނަށް އިތުރު ފަސް ދުވަސް ދިން ނަމަވެސް ދައުލަތުން ވަނީ އެކަމަށް އިއުތިރާޒްކުރައްވާފައެވެ. ދައުލަތުގެ ވަކީލާ އައިޝަތު އަޒްލީނާ ވިދާޅުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 24 ވަނަ ދުވަހުން ފެށިގެން އަލީ ހުސައިނަށް ވަކީލަކު ހަމަޖެއްސުމަށް ފުރުސަތުދީފައިވާ ކަމަށާއި މިއަދަށް 112 ދުވަސް ވެގެންދިޔައިރު ވެސް ވަކީލަކު އައްޔަނުނުކުރުމުން ވަކީލަކާ ނުލައި މައްސަލަ ކުރިއަށް ގެންދަން އެދޭ ކަމަށެވެ.

ނަމަވެސް ގާޒީ އާދަމް އާރިފް ވިދާޅުވީ ވަކީލަކު އައްޔަނުކުރުމުގެ ފުރުސަތަކީ ކޯޓުން ދޭ ފުރުސަތެއް ކަމަށާއި ޝަރީއަތުން ބޭނުންވަނީ އެ ފުރުސަތު އެންމެ ފުޅާދާއިރާއެއްގަ ދީގެން މައްސަލަ ކުރިއަށް ގެންދަން ކަމަށެވެ.

އަލީ ހުސައިންގެ އިތުރުން ދެން އެ އެ މައްސަލާގައި ދައުވާ ލިބޭ 11 މެމްބަރުންނަކީ:

  • ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު

  • ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް
  • މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު
  • ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ދީދީ
  • ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް
  • ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް
  • ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް
  • ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ސޯލިހް
  • ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފް
  • ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން
  • މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު

އެ މެމްބަރުންގެ މައްޗަށް ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅި ކަމުގެ ދައުވާ އުފުލީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީސް ސަރަހައްދުން ފުލުހުންގެ ސަފު ފަޅާލި ކަމަށް ތުހުމަތުކޮށެވެ.