16 Jan 2018, 18:07
އޮސްޓްރޭލިއަން އޯޕަންގެ އެންމެފަހުގެ ޗެމްޕިއަން، ރޯޖާ ފެޑެރާ މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
އޮސްޓްރޭލިއަން އޯޕަންގެ ކުޅުން އިއްޔެ ފަށާފައިވާއިރު، ފެޑެރާ އޭނާގެ ފުރަތަމަ މެޗުގައި ނުކުތީ އަލްޖާޒް ބެޑީނާއި ދެކޮޅަށެވެ. މެޗުގެ ސެޓުތައް ފެޑެރާ ގެންދިޔައީ 6-3، 6-4 އަދި 6-3 ގެ ނަތީޖާއަކުންނެވެ. ފެޑެރާ މެޗުން މޮޅުވީ 99 މިނެޓްގެ ވަގުތެއްގައެވެ.
މިމެޗުން މޮޅުވެ އުމުރުން 36 އަހަރުގެ ފެޑެރާވަނީ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ.
މިއަހަރުގެ އޮސްޓްރޭލިއަން އޯޕަންގައި ފެޑެރާއަކީ ދެވަނައަށް ސީޑް ކޮށްފައިވާ ކުޅުންތެރިޔާއެވެ. އެއްވަނައަށް ސީޑްކޮށްފައިވާ ކުޅުންތެރިއަކީ ރަފެއިލް ނަޑާލްއެވެ.
އިނގިރޭސި ވިލާތުގެ އެންޑީ މުރޭ މިއަހަރުގެ މުބާރާތުގައި އަނިޔާގެ ސަބަބުން ނުކުޅޭނެއެވެ. އަދި މުބާރާތުގައި އެންމެ މޮޅު ކުޅުންތެރިންގެ ގޮތުގައި ސީޑް ކޮށްފައިވާ ރަފޭލް ނަޑާލާއި ނޮވާކް ޖޮކޮވިޗްވެސް މި މުބާރާތަށް ނުކުންނަނީ އަނިޔާއިން ސަލާމަތްވިިތާ މާ ގިނަ ދުވަހެއް ނުވެއެވެ.
ޖޮކޮވިޗްވެސްވަނީ ރޭ އޭނާ ކުޅުނު މެޗު ކާމިޔާބުކޮށް ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. އެގޮތުން އޭނާވަނީ ފުރަތަމަ ބުރުގައި ފަސޭހަކަމާއެކު ޑޮނަލްޑު ޔަންގު ބަލިކޮށްފައެވެ. މީގެ ކުރިން ޖޮކޮވިޗްވަނީ މި މުބާރާތް ހަފަރެއްގެ މަތިން ކާމިޔާބުކޮށްފައެވެ.
މުބާރާތް ފެށުމުގެ ކުރިން ފެޑެރާ ބުނެފައިވަނީ އޭނާއަކީ މުބާރާތުގެ ފެވަރިޓް ނޫން ކަމަށެވެ.
ދެވަނަ ބުރުގައި ފެޑެރާ ވާދަކުރަން ޖެހޭނީ ޖަރުމަންގެ ޖޭން ލެނާޑް ސްޓްރަފްއާއެވެ.