16 Jan 2018, 18:29
މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން ބާއްވާ "މައިލްސް ފޯ ސްމައިލްސް" ޗެރިޓީ ދުވުމުން ކުރިއަށްދާ ވަގުތު ގިނަ ހަރަކާތްތަކެއް އެކުވެނި ސަރަހައްދުގައި ކުރިއަށް ގެންދިއުމަށް ދުވުން އިންތިޒާމްކުރާ ސްޕޯޓްސް ކޯޕަރޭޝަނުން ރާވައިފިއެވެ.
"މައިލްސް ފޯ ސްމައިލްސް" ދުވުން ކުރިއަށްދާނީ މިމަހުގެ 19 ވަނަ ދުވަހުގެ 4:30 އިން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ ހަވީރު 4:30އާ ހަމައަށް މާލޭ ކުޅިވަރު އެކުވެނި ދުވާ ޓްރެކްގަ އެވެ.
ދުވުން ކުރިއަށްދާ 24 ގަޑިއިރުގައިވެސް އެކުވެނީގައި ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ސްޕޯޓްސް ކޯޕަރޭޝަނުން ވަނީ ހަމަޖައްސައިފައެވެ. އެގޮތުން 19 ވަނަ ދުވަހު ހަވީރު ދުވުން ފަށާނީ ޕަރަގްލައިޑިންގް ވައިގެ ކުޅިވަރުތަކުގެ އިތުރުން 1438 ބޮޑުބެރު ގްރޫޕްގެ ހަރަކާތްތަކުންނެވެ.
މީގެ އިތުރުންވެސް ދުވުން ކުރިއަށްދާއިރު ދުވުމުގައި 24 ގަޑިއިރު ދުވާ އިބްރާހިމް ސާއިދު އަލީގެ ފިޓްނަސް ޕާޓްނަރު ޓްރެއިން ވިތު ކައިގެ ފަރާތުން ކުރިއަށް ގެންދާ ބޫޓްކޭމްޕް ހަރަކާތްތަކާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކުރިއަށްގެންދާ ކުޅިވަރުތަކެއްވެސް ކުރިއަށްދާނެ ކަމަށް ސްޕޯޓްސް ކޯޕަރޭޝަނުން ބުނެއެވެ.
މިމަހުގެ 19 ވަނަ ދުވަހުގެ ރޭވެސް ދުވުން ކުރިއަށްދާ އިރު، އެކުވެނި ސަރަހައްދުގައި ގިނަ އަދަދެއްގެ ފަންނާނުން ޕާފޯމްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. ފާހަގަކޮށްލެވޭ ފަންނާނުންގެ ތެރޭގައި ރެޕް ލަވަކިޔުންތެރިޔާ އަލީ ސޮފްވާން (ސޮއްޕެ)ގެ އިތުރުން ލެޖެންޑަރީ ލަވަކިޔުންތެރިޔާ މޭނާ ހައްސާން އަދި އުމަރު ޒާހިރު ވެސް ހިމެނެއެވެ.
ދުވުން ކުރިއަށްދާ ދެވަނަ ދުވަހު، މިމަހުގެ 20 ވަނަ ދުވަހު ހަވީރު ވެސް އެކުވެނި ސަރަހައްދުގައި ގިނަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. އެގޮތުން ދަ ރޮބޯމޭންގެ ޕާފޯމަންސާއެކު ގްލޯ ފިޓްގެ ޔޯގާއާއި ކުޑަކުދިންގެ ޒުމްބާވެސް އެ ސަރަހައްދުގައި ކުރިއަށްދާނެއެވެ.
ސްޕޯޓްސް ކޯޕަރޭޝަނުން ބުނެފައިވަނީ މީގެ އިތުރުންވެސް އަދި ހަރަކާތްތައް ކުރިއަށްދާނެ ކަމަށެވެ.
މައިލްސް ފޯ ސްމައިލްސްއަކީ މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން ހިންގާ 'ލެޓްސް ޕްލޭ" ކެމްޕެއިންއަށް ފަންޑު ހޯދުމަށް ކުރިއަށްގެންދާ ޗެރީޓީ ދުވުމެކެވެ. އެ ދުވުމުގެ މީޑިއާ ޕާޓްނަރަކީ ސަން މީޑިއާ ގްރޫޕެވެ.