ބެއިޖިން (ޖެނުއަރީ 16): މިމަހުގެ ހަ ވަނަ ދުވަހު ޗައިނާގެ އިރުމަތީ އައްސޭރި ކަނޑުން ދަތުރުކުރަމުން ދަނިކޮށް އެކްސިޑެންޓުވި އީރާނުގެ ޓޭންކަރުން ގިނަ އަދަދަކަށް ތެޔޮ ބޭރުވެއްޖެ އެވެ.

ސަންޗީ ނަމަކަށް ކިޔާ އެ ޓޭންކަރު މުދާ އުފުލަކާ ބޯޓަކާ ޖެހި ރޯވީ 136،000 ޓަނުގެ އަލްޓްރާ-ލައިޓް ކްރޫޑް އޮއިލްއާ އެކު ދަތުރު ކުރަމުން ދަނިކޮށެވެ. އޭގެ ސަބަބުން ލައިޓް ކްރޫޑް އޮއިލް އާއި ޓޭންކަރު ދުއްވަން އަޅާފައިވާ ތެޔޮ 120 ސްކޮޔާ ކިލޯމީޓަރުގެ ކަނޑުގެ ސަރަަހައްދަކަށް ފެތުރިފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އަދި އެ ދެ ބާވަތުގެ ތެލަކީ ވެސް ކަނޑުގެ ދިރުމަށް ނުރައްކާތެރި ތެޔޮ ކަމުން ޗައިނާއިން ދަނީ ޓޭންކަރުގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދު ވީހާ ވެސް އަވަހަށް ސާފު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އީރާނުގެ އޮފިޝަލުން މިހާރު ވަނީ އެޓޭންކަރުގައި ތިބި 32 ކުރޫ މެމްބަރުން ދިރިތިއްބާ ހޯދުމުގެ އުއްމީދު ކަނޑާލާފައި އެވެ. އޭގެ ސަބަބުން ޗައިނާ އިން ވަނީ ޓޭންކަރުން މީހުން ސަލާމަތް ކުރުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަން ހުއްޓާލައި، ކަނޑައަށް އެޅިފައިވާ ތެޔޮ ނައްތާލަން ބޭނުންކުރާ ކެމިކަލްތައް އެސަރަހައްދަށް ޖަހަން ފަށާފައި އެވެ.

ރޯވިތާ ހަފްތާއެއް ފަހުން ފެތުނު އެ ޓޭންކަރުން ދަތުރު ކުރަމުން ދިޔަ މީހުންގެ ތެރެއިން ތިން މީހެއްގެ ހަށިގަނޑު މިހާތަނަށް ފެނިފައިވެ އެވެ. ނަމަވެސް އެކްސިޑެންޓުވާން މެދުވެރިވި ސަބަބު އަދި ހޯދިފައި ނުވެ އެވެ. (ބީބީސީ)