ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ދަރުބާރުގޭގައި ބާއްވަން ނިންމައިފި އެވެ.

އެ ޖަލްސާ ބާއްވާ ގޮތަށް ހަމަޖައްސާފައި ވަނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު އެވެ. އެ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ރިޔާސީ ބަޔާން އިއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މަޖިލިސް ހުޅުވުމަށް އެންމެ ފަހުން ބޭއްވި ދެ ޖަލްސާ ވެސް ބާއްވާފައި ވަނީ ދަރުބާރުގޭގަ އެވެ. މީގެ ކުރީގެ ދެ ޖަލްސާ ދަރުބާރުގޭގައި ބާއްވާފައި ވަނީ ސަލާމަތީ ސަބަބުތަކަކާ ގުޅިގެން ކަމަށް މަޖިލީހުގެ އިދާރާ އިން ވަނީ ބުނެފަ އެވެ.

ނަމަވެސް މި އަހަރުގެ ފުރަތަމަ ޖަލްސާ ދަރުބާރުގޭގައި ބޭއްވުމަށް ނިންމާފައި ވަނީ ކީއްވެގެން ކަމެއް މަޖިލީހުގެ އިދާރާއަކުން ނުބުނެ އެވެ.

މި އަހަރު މަޖިލީހުގެ ޖަލްސާތައް އަންނަ މަހު ފަށާއިރު ސަރުކާރުގެ ފަރާތުން 45 ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވަނީ ވިދާޅުވެފަ އެވެ.