އާސެނަލްގެ ކެޕްޓަން ޔޫރަޕްގެ ޗެމްޕިއަން ބާސެލޯނާ އާއި ގުޅުމަށް ކުރަމުން އައި އުންމީދުތައް ހަގީގަތެއްވެއްޖެ އެވެ.

ފެބްރިގާސް ބާސެލޯނާއަށް ގެންދިއުމަށް އެ ކުލަބުން ހުށަހަޅާފައިވާ އަގަށް އާސެނަލްއިން އެއްބަސްވެފައިވާކަން ދެ ކުލަބުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.

މިދިޔަ ސީޒަނުން ފެށިގެން ބާސެލޯނާއިން ހޯދުމަށް މަސައްކަތްކުރާ ފެބްރިގާސް 40 މިލިޔަން ޕައުންޑަށްވުރެ ދަށް އަގެއްގައި ނުވިއްކާނެ ކަމަށް އާސެނަލްއިން ހާމަކުރި ނަމަވެސް ބާސެލޯނާއިން ފެބްރިގާސްއަށް ހުށަހަޅާފައިވާ 35 މިލިޔަން ޕައުންޑްގެ އަގަށް އާސެނަލްއިން އެއްބަސްވެފައިވާ ކަމަށް ބެލެވެއެވެ.

"އަހަރެމެން ހަގީގަތުގައި ފެބްރިގާސް ދޫކޮށްލާކަށް ބޭނުމެއްނުވޭ. އަހަރެމެންވެސް ގަބޫލުކުރަން ފެބްރިގާސްގެ އުފަން ރަށުގެ ކްލަބަށް ކުޅެން ބޭނުންވާވަރު. ފެބްރިގާސް އާސެނަލްއަށް ކޮށްދިން ކަންތައްތަކާއި ހޯދައިދިން ކާމިޔާބީތަކަށް ޝުކުރުއަދާކުރަން. ކުރިމަގުގައި ފެބްރިގާސްއަށް ކާމިޔާބީއަށް އެދެން،" އާސެނަލްގެ ކޯޗް ވެންގާ ބުންޏެވެ.

އުމުރުން 16 އަހަރުގައި ބާސެލޯނާއިން އާސެނަލްއަށް 2003 ވަނަ އަހަރު ބަދަލުވި ފެބްރިގާސް ހޯމަދުވަހު މެޑިކަލް ޓެސްޓްތަކުގައި ބައިވެރިވެ އެއްބަސްވުންތައް ކުރިއަށް ގެންދާނެއެވެ.

އަށްއަހަރުގެ މުއްދަތަކަށް އާސެނަލްއަށް ކުޅުމަށްފަހު، ފެބްރިގާސް ބާސެލޯނާއަށް ދިޔަނަމަވެސް އާސެނަލްގެ ތާރީހުގައި އޭނާގެ ނަން ރަންއަކުރުން ފެވިގެންދާނެއެވެ. ފެބްރިގާސްވަނީ އާސެނަލްއަށް 303 މެޗް ކުޅެދީ 57 ލަނޑު ކާމިޔާބުކޮށްދީފަ އެވެ.

އާސެނަލްއިން ވަކިވާން ބޭނުންވާ އަނެއް ކުޅުންތެރި އަކީ ފްރާންސްގެ ތަރި ސާމިރް ނަސްރީ އެވެ. އޭނާ މެންޗެސްޓާ ސިޓީއަށް ބަދަލުވާނެކަމުގެ ފުރުސަތު ބޮޑުކަމަށް ރިޕޯޓްތަކުން ބުނަމުންދެ އެވެ. ނަސްރީ މެންސިޓީއަށް ގެންނަން ބޭނުންވާކަމަށް މެންސިޓީގެ ކޯޗް މަންޗިނީ ވެސް މިދިޔަ ހަފްތާ ގައި ބުނެފައި ވެއެވެ.