16 Jan 2018, 15:41
މިދިޔަ އަހަރު ނެރުނު ކޮމެޑީ ފިލްމް ނޯޓީ 40ގެ ފޮލޯއަޕް 40 ޕްލަަސްގެ ޝޫޓިންގެ ބޮޑުބައެއް ނިންމާލައިފި އެވެ.
ފިލްމުގެ ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ބުނީ ޝޫޓިންގެ ކަންތައް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. މި މަހުގެ 20 ހާތަނަށް މާލެ އާދެވޭނެ ކަމަށް ވެސް ޔޫއްޕެ ބުންޏެވެ.
"ޝޫޓިން އަށް ކުޑަ ޑިލޭއެއް އައީ ވިއްސާރަވެގެން. މިހާރު ގާތްގަނޑަކަށް ނިމިއްޖެ،" ތ. ބުރުނީގައި ޝޫޓިން ކުރިއަށް ދިޔަ ފިލްމާ ގުޅޭ ގޮތުން ޔޫއްޕެ ބުންޏެވެ.
ފޯޓީ ޕްލަސް އަކީ ޔޫއްޕެގެ އަމިއްލަ ސްކްރީން ޕްލޭއަކަށް ތައްޔާރުކުރާ ފިލްމެކެވެ. މެއިން ކާސްޓުންގެ ގޮތުގައި ފެނިގެން ދާނީ، ނޯޓީ40ގެ ވެސް ލީޑުން ފެނިގެން ދިޔަ، ޔޫއްޕެ، އަހްމަދު ސައީދު، މުހައްމަދު މަނިކު އަދި އަލީ ސީޒަން އެވެ.
އެ ފިލްމުގައި އަލަށް ތައާރަފްވާ ހަތަރު ތަރިން ވެސް ފެންނާނެ އެވެ. އެ ތަރިންގެ މަސައްކަތާމެދު ވަރަށް ހިތްހަމަ ޖެހޭކަމަށް ޔޫއްޕެ ބުންޏެވެ.
ނޯޓީ40ގެ ކުޅަދާނަ ބަޠަލާ ފާތިމަތު އާޒިފާ (އަޒޫ)، ޝީލާ ނަޖީބު، އަލީ އާޒިމް (ދޮންއައްޔަ)، މުޙައްމަދު ފައިސަލް އަދި ޔޫއްޕެގެ "ދެވަންސޫރަ"އިން ފިލްމީ ދާއިރާއަށް މުޅިން އަލަށް ތައާރަފްވާ މަރިޔަމް ޝިފާ ވެސް "40+"ގައި ހަރަކާތްތެރިވާނެ އެވެ.
މި ފިލްމު އަޅުވާނެ ސީދާ ތާރީޚެއް އަދި ނުނިންމާ ކަމަށް ޔޫއްޕެ ބުންޏެވެ.
ފޯޓީ ޕްލަސްގެ އިތުރުން މިއަހަރު އިތުރު ހަތަރު ފިލްމެއްގެ މަސައްކަތް ޔޫއްޕެ ވަނީ އިއުލާނުކޮށްފަ އެވެ.
އޭގެ ތެރެއިން "ދެވަންސޫރަ" އަންނަ މަހު ހައެއްގައި ސްކްރީން ކުރާނެ އެވެ. "ކަޅަކި"، "ނަފްސު" އަދި "ހައްޔަރު"ގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް ޔޫއްޕެ ބުންޏެވެ.