ޓެކްސީ ދަތުރެއްގައި މީހަކު އިންދައި އިތުރު މީހަކު އެރުވުން މަނާކޮށް ޓެކްސީ ކުރުމުގެ ގަވައިދަށް އިސްލާހު ގެނެސްފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީ އިން ގެޒެޓްކުރި ޓެކްސީ ގަވައިދުގެ ހަތަރު ވަނަ އިސްލާހުގައި ބުނެފައި ވަނީ ޓެކްސީގެ ޚިދުމަތްދޭ ފަރާތުން ދަތުރެއް ކުރަމުންދާ އިރު، ކުރަމުންދާ ދަތުރުގައި ޓެކްސީގައި ފަސިންޖަރަކު އިންދައި ނުވަތަ އެއް ފަސިންޖަރުންނަށް ވުރެ ގިނަ ފަސިންޖަރުން ތިއްބައި، އެނޫން ފަސިންޖަރުން އަރުވައިގެން ދަތުރުކުރުމަކީ މަނާކަމެއް ކަމަށެވެ.

ޓެކްސީ ދަތުރުގައި ފަސިންޖަރަކު އިންދައި ފަސިންޖަރުގެ ހުއްދަނެތި އިތުރު ފަސިންޖަރުން އަރުވާ ކަމުގެ ޝަކުވާ އާއި ކުރިން އަރާ ފަސިންޖަރުންގެ ދަތުރު ނުނިމެނީސް ފަހުން އަރާ ފަސިންޖަރުގެ ދަތުރު ކުރިން ނިންމާލާ ޝަކުވާ އަކީ ޓެކްސީ ދަތުރު ކުރާ މީހުން އާންމުކޮށް ކުރާ ޝަކުވާއެކެވެ.

އެއް ވަގުތެއްގައި އެއް ދަތުރަށް ވުރެ ގިނަ ދަތުރު ނެގުން މަނާކުރާ ގަވައިދަށް އަމަލު ކުރާނީ މިއަދުން ފެށިގެންނެވެ.