15 Aug 2011, 14:15
ޓޮޓެންހަމްގެ ފޯވާޑް ރޮބީ ކީން ތިން މިލިޔަން ޕައުންޑްގެ އަގަކަށް އެލްއޭ ގެލެކްސީއަށް ވިއްކާލުމަށް އެއްބަސްވެފައިވާ ކަމަށް ރިޕޯޓްތަކުން ހާމަކޮށްފި އެވެ.
މިދިޔަ ސީޒަންގައި ވެސް ބޮޑު ބައެއް ކީން ހޭދަކޮށްފައި ވަނީ ލޯންގެ ދަށުގައި ވެސްޓްހާމްގަ އެވެ.
ފަހަކަށް އައިސް ޓޮޓެންހަމް ކޯޗް ހެރީ ރެޑްނެޕްގެ ފޯވާޑުންގެ ލިސްޓްގައި ކީން ހިމެނިފައެއް ނުވެއެވެ.
ދާއިމީ ގޮތެއްގައި ޓޮޓެންހަމް ދޫކޮށް ދާންބޭނުން ކަމަށް ކީން ދާދިފަހުން ބުނެފައި ވެއެވެ. އެމެރިކާގެ ޓްރާންސްފާ މާކެޓްގެ ދޮރު އަންނަ އާދީއްތަ ދުވަހު 9:00 ގައި ބަންދުވާއިރު އެލްއޭ ގެލެކްސީއިން ކީން ހޯދުމަށް މަސައްކަތް ކުރާކަން ޔަގީންކޮށްދީފައެއް ނުވެ އެވެ.
އެލްއޭ ގެލެކްސީގެ ތަރިންކަމަށްވާ ޑޭވިޑް ބެކަމް އާއި ލެންޑަން ޑޮނޮވަންގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން އެކްލަބަށް ވަނީ އާތަރިންތަކެއް ގަނެ ކްލަބް ވަރުގަދަކުރަން ޖެހިފައެވެ. އެހެންކަމުން ކީންގެ ތަޖުރިބާގެ ބޭނުން ގެލެކްސީއިން ހިފާނެ ކަމަށް ބޮޑަށް ބެލެވިފައި ވެއެވެ.
"އެއްވެސް ކުޅުންތެރި އެއް ގެނައުމާއިމެދު އެއްވެސް އެއްޗެކޭ ބުނާކަށް ނެތިން. ކުރިއަށްއޮތް 24 ނޫނީ 48 ގަޑިއިރުތެރޭ އާރަހައެއް އިތުރުވާނެކަމަށް ބެލެވޭ." އެލްއޭ ގެލެކްސީ ކޯޗް ބްރޫސް އެރީނާ ބުންޏެވެ.