16 Jan 2018, 11:47
މިހާރު ރާއްޖެ އައިސް އުޅޭ ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ވަފުދުން ވެރިކަން ކުރާ މައި ޕާޓީ ޕީޕީއެމްގެ ލީޑާޝިޕްގެ ބައެއް ބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ.
ޕީޕީއެމްގެ އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި އެ ޕާޓީގެ ފަރާތުން ބައިވެރިވެލެއްވީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޚަލީލާއި ނައިބު ރައީސް އަދި ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ އިތުރުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދުު ޝިޔާމް އަދި ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކެވެ.
އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ ރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅޭގޮތުންނެވެ. އިތުރު ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ.
މިހާރު ރާއްޖެ އައިސް އުޅޭ އީޔޫގެ ވަފުދުގައި އެންމެ އިސް ބޭފުޅަކަށް ހުންނަވަނީ ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސް (އީއީއޭއެސް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފޯ އޭޝިއާ ޑިޕާޓްމެންޓް ޕައޮލާ ޕަމްޕަލޯނީއެވެ. އޭނާއާއެކު ވަފުދުގައި ދެން ހިމެނިވަޑައިގަންނަވަނީ އީޔޫއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އިސްވެރިޔާ ޓުންގް ލައި މާގްއާއި އީއީއޭއެސްގެ ސައުތު އޭޝިއާ ޑިވިޝަނުގެ އިސްވެރިޔާ ކެރޮލައިން ވިނޮޓްއެވެ.
އީޔޫއިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ރާއްޖެއަށް އެ އިއްތިހާދުގެ އިސްވެރިންގެ ވަފުދުން ކުރާ ދަތުރުގައި ހޯމް މިނިސްޓަރާއި ފޮރިން މިނިސްޓަރާއި އެންވާރަމެންޓް މިނިސްޓަރާއި ފިޝަރީޒް މިނިސްޓަރުގެ އިތުރުން ޑިފެންސް މިނިސްޓަރާއި ބަންޑާރަނައިބާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ބައްދަލުކުރާނެއެެވެ.
އަދި ރާއްޖޭގެ މައި ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމްއިއްޔާތަކުގެ މަންދޫބުންނާ ވެސް ބައްދަލުކުރާނެ ކަމަށް އީޔޫ އިން ބުންޏެވެ.
މި ޒިޔާރަތަކީ އީޔޫއާއި ރާއްޖެއާ ދެމެދު އޮތް މަޝްވަރާތަކާއި އެއްބާރުލުން ދަމަހައްޓައި، ކުރިއެރުމަށްޓަކައި ކުރާ ޒިޔާރަތެއް ކަމަށް އީޔޫ އިން މައުލޫމާތުދެއެވެ.
އީޔޫގެ ވަފުދުން ވަނީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި، ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމްގެ އިތުރުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި އިންޑިއާ ސަފީރު އަލިކޭޝް މިޝްރާއާ ވެސް ބައްދަލުކުރައްވައިފައެވެ.