ވާވޭއިން ސެމްސަންގާ ދެކޮޅަށް ކޯޓަށް ހުށަހެޅި މައްސަލައެއްގައި ސެމްސަންގް ކުށްވެރިވެއްޖެއެވެ.

ވާވޭއިން 2016 ވަނަ އަހަރު ޗައިނާގެ ކޯޓަކަށް ހުށަހެޅި މައްސަލައިގައިވާ ގޮތުން ސެމްސަންގުން ވަނީ ވާވޭއިން ޕޭޓެންޓު ކޮށްފައިވާ 4ޖީ ޓެކްނޮލޮޖީ އެ ކުންފުނީގެ ފޯނުތަކުގައި ބޭނުންކޮށްފައެވެ.

އޭގެ ސަބަބުން ކޯޓުން ވަނީ އެ ޓެކްނޮލޮޖީ ބޭނުންކުރާ ސެމްސަންގުގެ އާލާތްތައް އުފެއްދުމާއި ވިއްކުން ހުއްޓާލަން އަމުރުކޮށްފައެވެ. ނަމަވެސް އެއީ ކޮން ބާވަތެއްގެ ފޯނެއްކަން ކޯޓުން ފާހަގަކޮށްފައެއް ނުވެއެވެ.

ކޯޓުގެ ނިންމުމާ ގުޅިގެން ސެމްސަންގުން ވަނީ ކޯޓުގެ ނިންމުން ރަނގަޅަށް ދިރާސާކޮށް، އެ ކުންފުނިން ދެން އަމަލު ކުރާނެ ގޮތާ ބެހޭ ގޮތުން ވިސްނަމުންދާ ކަމަށް ބުނެފައެވެ.

ދުނިޔޭގެ ސްމާޓްފޯނު މާކެޓުގައި އެންމެ ކުރީގައި އުޅެނީ ސެމްސަންގާއި އެޕަލް ކަމަށްވީ ނަމަވެސް ޗައިނާގައި އެންމެ ކުރީގައި އުޅެނީ ވާވޭއެވެ. އަދި މީގެ ކުރިންވެސް ވާވޭ އާއި ސެމްސަންގުން ވަނީ އެއް ކުންފުނިން އަނެއް ކުންފުންޏާ ދެކޮޅަށް ކޯޓަށް މައްސަލަތައް ހުށަހަޅައިފައެވެ.