16 Jan 2018, 11:17
ހައިރައިޒުން އިންތިޒާމުކޮށްގެން ބާއްވާ ސަރަހައްދީ ޓޫރިޒަމްގެ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް(ސާޓާ)ގެ ތިން ވަނަ ބުރުގެ ނޮމިނޭޝަނަށް ހުޅުވާލައިފި އެވެ.
ހައިރައިޒުން މިއަދު ބުނީ، އިއްޔެ އިން ފެށިގެން މާޗް 15އާ ހަމައަށް އެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ޓޫރިޒަމް ދާއިރާގައި ހިދުމަތްދޭ ފަރާތްތަކާއި ތަންތަނަށް ހުޅުވާލައިފަވާ ކަމަށެވެ.
ސަޓާ އެވޯޑަށްއޮންލައިންކޮށްނޮމިނޭޓް ވުމުގެ ފުރުސަތު ހުޅުވާލައިފަވާ އިރު ނޮމިނޭޝަން ހުޅުވާލައިފައި ވަނީ 10 ސެގްމަންޓަކުން 36 ކެޓަގަރީ ހިމެނޭ ގޮތަށް ކަމަށް ހައިރައިޒުން ބުންޏެވެ.
ހައިރައިޒުން ބުނީ، ސަޓާ އެވޯޑަކީ މި ސަރަހައްދުގެ އެކި ޖަމިއްޔާތަކުގެ އެއްބާރުލުމާ އެކު ބާއްވާ ހަމައެކަނި އެވޯޑު ކަމަށެވެ. އަދި ސަޓާ އެވޯޑުގެ ޕެނަލްގައި މަސައްކަތް ކުރާނީ ސަރަހައްދީ ފެންވަރުގައި އެކަމުގެ ތަޖުރިބާކާރު މީހުން ކަމަށް ވެސް ހައިރައިޒުން ބުންޏެވެ.
ސަޓާ އެވޯޑު އެންޑޯޒް ކޮށްފައިވާ ފަރާތްތައް:
އެސޯސިއޭޝަން އޮފް ޓްރެވަލް އެންޑް ޓުއާ އޮޕަރޭޓާސް އިންޑިއާ
- ފެޑެރޭޝަން އޮފް ޗޭމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ، ސްރީ ލަންކާ
- ކޮލޮމްބޯ ޗޭމްބާ އޮފް ކޮމާސް
- ކޮންފެޑެރޭޝަން އޮފް އެސޯޝިއޭޓެޑް ޓުއާ އޮޕަރޭޓާސް (އިންޑިއާ)
- ލިވްއަބޯޑު އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް)
- އެސޯސިއޭޝަން އޮފް ޕްރޮފެޝަނަލްސް އިން ޓޫރިޒަމް، އިންޑިއާ
- މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)
- ނޭޕާލް ޓޫރިޒަމް ބޯޑު
- އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް، މޯލްޑިވްސް
- ކެރެލާ ހޮޓެލް ޖެނެރަލް މެނޭޖާ ކްލަބް
މި އަހަރު ސަޓާ އެވޯޑު ބޭއްވުމަށް ހަމަޖެހިފައި ވަނީ އޮކްޓޯބަރު މަހު އިންޑީއާގަ އެވެ.
މިއަހަރު އައްޑޫ ސިޓީގެ އީކުއޭޓާ ވިލެޖްގައި ބޭއްވި ސަޓާ އެވޯޑުގެ ޝަރަފުވެރި 24 އެވޯޑެއް ރާއްޖެ އިން ވަނީ ހޯދައިފަ އެވެ. ވޭތުވެ ދިޔަ ދެ އަހަރު ސަޓާގެ އޮންލައިން މީޑިއާ ޕާޓްނަރެއްގެ ގޮތުގައި މަސައްކަތްކޮށްފައި ވަނީ ސަން އޮންލައިނެވެ.