ވޮޝިންޓަން (ޖެނުއަރީ 16): އެމެރިކާގެ ކެލިފޯނިއާގައި 13 ދަރިން އެއް ގެއެއްގައި ޗޭނު ޖަހައިގެން ގެންގުޅުނު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި މިހާރު ސަލާމަތްކޮށްފައިވާ އެ 13 މީހުންގެ ތެރެއިން ހަ ކުދިންނަކީ އުމުރުން ދެ އަހަރާއި 17 އަހަރާ ދެމެދުގެ ކުޑަކުދިންނެވެ. އަދި ހަތް މީހުންނަކީ 18 އަހަރާއި 29 އަހަރާ ދެމެދުގެ މީހުންނެވެ.

އެމައްސަލަ ފެންމަތިވީ ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން 17 އަހަރުގެ ކުއްޖަކު ސަލާމަތްވެ، ފުލުހުންނަށް ގުޅުމުންނެވެ. އަދި އެކުއްޖާ ވަނީ އޭނާގެ މަންމަ އާއި ބައްޕަ، އޭނާ އާއި އޭނާގެ އެއްބަނޑު އެއްބަފާ 12 މީހަކު ޗޭނު ޖަހައިގެން ގެންގުޅޭ ކަމަށް ބުނެފަ އެވެ.

އެފޯނު ކޯލަށް ފަހުން ފުލުހުން އެގެޔަށް ދިޔުމުން ފެނުނީ "އަނދިރި އަދި ވަސް ނުބައި ތަނެއްގައި ހުރި އެނދުތަކެއްގައި ޗޭނުޖަހައި ހިފަހައްޓާފައިވާ ކުދިންތަކެއް" ކަމަށް ފުލުހުން ބުންޏެވެ. އަދި އެއެންމެން ތިބީ އަނަރޫފަވެފައި ކަމުން އޭގެ ތެރޭގައި 18 އަހަރާއި 29 އަހަރާ ދެމެދުގެ މީހުން ތިބި ކަމަށް ފުލުހުން ހީނުކުރާ ކަމަށް ވެސް ރިޕޯޓުތަކުގައިވެ އެވެ.

އެމައްސަލައިގައި ފުލުހުން ވަނީ އެކުދިންގެ މަންމަ އާއި ބައްޕަ، އުމުރުން 49 އަހަރުގެ ލުއީޒް އަނާ ޓާޕިން އާއި އުމުރުން 57 އަހަރުގެ ޑޭވިޑް އެލެން ޓާޕިން ހައްޔަރުކޮށްފައި އެވެ. އަދި އެ 13 ކުދިންނަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށާފައި އެވެ.

އެއާއިލާ ދިރިއުޅެމުން އައި ގޭގެ އަވަށްޓެރިއެއް ކަމަށްވާ އުމުރުން 41 އަހަރުގެ ވެންޑީ މާޓިނޭޒް ބުނި ގޮތުގައި އެގޭގެ ކުދިން ބޭރަށް ނުކުންނަ މަންޒަރު ވަރަށް ނުފެނެ އެވެ. އެގޮތުން މިދިޔަ އޮކްޓޯބަރު މަހު އޭގެ ތެރެއިން ހަތަރު ކުއްޖަކު އެކުދިންގެ ގޭގައި ތިއްބާ ގޮވާލުމުން ޖަވާބު ނުދޭ ކަމަށާއި އެކުދިން ތިބީ ވަރަށް ބޮޑަށް ބިރުގަނެފައި ކަމަށް މާޓިނޭޒް ބުންޏެވެ. (ބީބީސީ)