16 Jan 2018, 12:32
އަންކަރާ (ޖަނަވަރީ 16) : ސޫރިއާގެ ކުރުދީ ހަނގުރާމަވެރި ޖަމާއަތްތައް ބޭނުންކޮށްގެން އެމެރިކާއިން އުފައްދަން އުޅޭ 30،000 ހަނގުރާމަވެރިންގެ ބިޔަ ލަޝްކަރު ހަލާކުކޮށްލާނެ ކަމުގެ އިންޒާރު ތުރުކީން ދީފިއެވެ.
ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވީ ޓެރަރިސްޓުންނާ ގުޅިގެން އެމެރިކާ އުފައްދަން އުޅޭ ލަޝްކަރު އޭގެ ތަންމަތީގައި އޮއްވައި ތުރުކީ ސިފައިން އެލަޝްކަރު ފުނޑުފުނޑު ކޮށްލާނެކަމަށާ މިއީ ތުރުކީގެ ގައުމީ މަސްލަހަތު ނުރައްކަލުގެ ތެރެއަށް ވެއްޓޭނެ ކަމެއްކަމަށްވާތީ މިކަމުގައި އެއްވެސް ގައުމެއްގެ މޫނަށް އަދި ކަނދުރާއަށް ތުރުކީ ނުބަލާނެ ކަމުގައެވެ.
ތުރުކީގެ ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާގެ މަދަދު ލިބޭ ސޫރިއާގެ ކުރުދީ ހަނގުރާމަވެރިންގެ ކޮންޓްރޯލްގެ ދަށުގައިވާ ސަރަހައްދުތަކަށް ތުރުކީގެ އެއްގަމު ލަޝްކަރުތައް ކޮންމެ ވަގުތަކުވެސް ވަދެގެންފާނެ ކަމަށެވެ. އެމެރިކާގެ މަދަދު ލިބޭ ސޫރިއާގެ ކުރުދީ ހަނގުރާމަވެރިންގެ އަސްކަރީ ގިނަ މަރުކަޒުތައް ހުންނަނީ ސޫރިއާއާއި ތުރުކީގެ ސަރަހައްދީ ރޮނގުގެ ކައިރީގައިވާ ސަރަހައްދެއްކަމަށްވާ އިފްރީންގައެވެ. ތުރުކީގެ އެއްގަމު ލަޝްކަރުތަކުގެ 10،000 ސިފައިން ބަރު ހަތިޔާރާއެކު އިފްރީނަށް ވަދެގަތުމުގެ ހުރިހާ ތައްޔާރީތަކެއް ވެނިމިފައިވާ ކަމަށާ އެ ލަޝްކަރު އިންތިޒާރު ކުރަނީ ތުރުކީގެ ސިފައިންގެ ކޮމާންޑަރު ރައީސް އުރުދުޣާންގެ އަމުރަށް އެކަނި ކަމަށް ތުރުކީގައި ޝާއިއުކޮށްފައިވާ މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ސޫރިއާގައި އެމެރިކާގެ ބައިވެރި ޖަމާއަތްތަކާ ގުޅިގެން 30،000 ހަނގުރާމަވެރިންގެ ލަޝްކަރެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަން އެމެރިކާ ކޯލިޝަނުން ހާމަކުރީ މިހަފްތާގައެވެ. އެމެރިކާއިން އުފައްދާފައިވާ ކޯލިޝަނުން ބުނީ މިއީ ސަރަހައްދީ ބޯޑަރު ބެލެހެއްޓުމުގެ އިތުރުން، ޓެރަރިސްޓް ޖަމާޢަތްތަކާ ދެކޮޅަށް އެއްގަމު މަގުން ހަނގުރާމަކުރުމަށް ބޭނުންކުރެވޭނެ ލަޝްކަރެއް ކަމަށެވެ.
ސޫރިއާގެ ކުރުދީ ބާރުތަކަށް އެމެރިކާ ބަރުހަތިޔާރު ދީ، އާދަޔާ ޚިލާފަށް ކުރުދީންނަށް ވާގިވެރިވަމުންދާތީ ތުރުކީވަނީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ. ސޫރިއާއާއި އިރާގުގައި އައިއެސް ޖަމާއަތް ބަލިކޮށްލެވިފައިވާ އިރު ކުރިން ނުއުފައްދާވަރުގެ ބޮޑު އެއްގަމު ލަޝްކަރެއް ކުރުދީ ހަނގުރާމަވެރިން ހިމެނޭގޮތަށް ސޫރިއާގައި އުފެއްދުމުގައި އެމެރިކާގެ ހަގީގީ މަގްސަދާ މެދު ވަނީ ބޮޑެތި ސުވާލުއުފެދިފައެވެ.
ތުރުކީއަކީ ނޭޓޯގައި އެމެރިކާ ފިޔަވައި އެންމެ ބޮޑު ބާރެވެ. ތުރުކީގައި އޮންނަވަރުގެ ބާރުގަދަ އެއްގަމު ލަޝްކަރެއް އެމެރިކާ ފިޔަވައި ނޭޓޯގެ އެހެން އެއްވެސް ގައުމެއްގައި ނޯވެއެވެ. އެހެންކަމުން ތުރުކީގެ ލަޝްކަރުތައް ސޫރިއާގެ އުތުރަށް ވަދެ، އެމެރިކާގެ މަސްލަހަތާ ދެކޮޅަށް ފާޅުގައި ހަނގުރާމަ ފަށައި ކުރުދީ ހަނގުރާމަވެރިން ފުނޑުފުނޑުކޮށްލަން މަސައްކަތްކޮށްފިނަމަ އެމެރިކާގެ މަގްސަދު ސޫރިއާގައި ހާސިލުވުމަކީ މުސްތަހީލް ކަމެކެވެ. މީގެ އިތުރުން އެސަހައްދުގައި އެމެރިކާ ހިންގާ އަސްކަރީ އޮޕަރޭޝަންތަކުގައި ބޭނުންކުރާ މައި ބޭހަކީ ތުރުކީގެ އިންގްރަލިކް ވައިގެ ބޭސްކަމަށް ވުމުން ތުރުކީއާ ދެކޮޅުވުމަކީ އަމަލީގޮތުން ތެދުވުމަކީ އެމެރިކާއަށް ފަސޭހަ ކަމަކަށްނުވާނެއެވެ.
އަނެއްކޮޅުން ތުރުކީގެ ފަހަތުގައި ރަޝިޔާއާއި އީރާންވެސް އެބައޮތެވެ. މިއީވެސް އެމެރިކާއާއި އެމެރިކާގެ ބައިވެރިންނަށް އޮތް ބޮޑު ގޮންޖެހުމެކެވެ. އެމެރިކާއިން ސޫރިއާގެ ކުރުދީ ހަނގުރާމަވެރިންނަށް އަސްކަރީ އެހީ ފޯރުކޮށްދޭ މައްސަލާގައި ތުރުކީއާއި އެމެރިކާގެ ގުޅުންތައް މިދިޔަ އަހަރުން ފެށިގެންވެސްވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.
އެމެރިކާގެ މަދަދު ލިބޭ ސޫރިއާގެ ކުރުދީ ހަނގުރާމަވެރިންނަކީ ތުރުކީގައި ވަކިވެގަތުމަށް މަސައްކަތްކުރާ ޕީކޭކޭ ޖަމާއަތުގެ ދެވަނަގޮފި ކަމަށާ ކުރުދީ ދަރިކޮޅަށް ނިސްބަތްވާ މިދެބައިމީހުންގެވެސް މަގްސަދަކީ ސޫރިއާއާއި ތުރުކީގެ ސަރަހައްދީ ރޮނގުގައިވާ ކުރުދީންގެ ސަރަހައްދުގައި މިނިވަން މުސްތަގިއްލު ކުރުދީ ދައުލަތެއް އުފައްދައިގެން ތުރުކީއާއި ސޫރިއާ ބައިބައިކޮށްލުން ކަމަށް ތުރުކީ ދެކެއެވެ. ތުރުކީ ހަލާކުކޮށްލުމަށްޓަކައި އެމެރިކާ އަޑިއަޑިން މިކަމުގައި ބައިވެރިވާ ކަމަށްވެސް ތުރުކީ ދެކެއެވެ.
ސޫރިއާގެ ކުރުދީ ހަނގުރާމަވެރި ޖަމާއަތްތައް ބޭނުންކޮށްގެން އެމެރިކާ އުފައްދަން އުޅޭ 30،000 ހަނގުރާމަވެރިންގެ ލަޝްކަރާ ގުޅިގެން ތުރުކީންވަނީ އެގައުމުގައި ހުންނަވާ އެމެރިކާގެ ސަފީރު ތުރުކީ ޚާރިޖީ ވުޒާރާއަށް ޙާޒިރުކޮށް އެކަމާ އިޙްތިޖާޖްކޮށްފައެވެ. ރަޝިޔައިންވެސް ވަނީ މިމައްސަލައިގައި އެމެރިކާއަށް އިންޒާރުދީ ޓެރަރިޒަމާ ދެކޮޅަށް އެމެރިކާ ކުރާ ހަނގުރާމައިގެ މަގްސަދާމެދު ސުވާލު އުފައްދާފައެވެ. (ނޫސްއެޖެންސީތައް)