15 Aug 2011, 14:14
ޕްރެމިއާ ލީގު މިދިޔަ ސީޒަންގެ ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑް ހަނިގޮތަކަށް މޮޅުވެ ފެށުން ރަނގަޅުކުރިއިރު، ޗެލްސީއަށް ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެއެވެ.
މެންޗެސްޓާ ޔުނައިޓެޑް އެއްވަރުވަމުންދަނިކޮށް ސަލާމަތްކޮށްދިނީ އެޓީމާއި އަލަށް ގުޅުނު އޭޝްލީ ޔަންގް އެވެ.
މިސީޒަންގެ ޕްރެމިއާ ލީގުގެ ފުރަތަމަ މެޗްތަކުގައި ބޮޑެތި ކްލަބްތަކުގެ ފަރާތުން އެދެވޭ ކުޅުމެއް ދެއްކޭތަނެއް ނުފެނެއެވެ. ބޮޑެތި ކްލަބްތައް ކަމަށްވާ ލިވަޕޫލް އާއި އާސެނަލްގެ އިތުރުން ޗެލްސީ އަށް ވެސް ރޭގެ މެޗުން ލިބުނީ އެންމެ ޕޮއިންޓެކެވެ.
މެންޗެސްޓާ ޔުނައިޓެޑާއި ވެސްޓްބްރޮމް ބައްދަލުކުރި މެޗްގައި މެންޔުނައިޓެޑުން މޮޅު ކުޅުމެއް ދެއްކި ނަމަވެސް ވެސްޓްބްރޮމްއިން ވެސް ވަނީ މެންޔޫގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. މެޗްގެ ފުރަތަމަ 15 މިނެޓް ހަމަނުވަނީސް މެންޔޫ އަށް ރޫނީ ލީޑް ނަގައިދީފައި ވެއެވެ. ވެސްޓްބްރޮމްގެ ކުޅުންތެރިން ހިތްވަރުކޮށް މެޗްގެ 37 ވަނަ މިނެޓްގައި ވެސްޓްބްރޮމްއިން ޗެމްޕިއަނުންނާއި އަރާ ހަމަކުރި އެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޝޭން ލޯންގް އެވެ.
ފުރަތަމަ ހާފް 1-1 އެއްވަރުގެން ނިމުނު ނަމަވެސް ދެޓީމުގެ ފަރާތުން ދެވަނަ ހާފަށް ނުކުތްއިރު އެއްވެސް ބަދަލެއް ފެންނާކަށް ނެތެވެ. ދެވަނަ ހާފްގައި މެންޔޫގެ ދެ ސީނިއާ ޑިފެންޑަރުންނަށް ވަނީ އަނިޔާވެގެން ބަދަލުކުރަންޖެހިފަ އެވެ. ވިޑިޗް އާއި ފާޑިނަންޑަށް ލިބުނު އަނިޔާއަކާއި ގުޅިގެން ދެ ޒުވާން ޑިފެންޑަރުން މެންޔޫއިން ނެރެން ޖެހުނެވެ.
މެޗް ނިމެން 10 މިނެޓަށް ވެފައިވަނިކޮށް އޭޝްލީ ޔަންގް ގޯލާއި ދިމާއަށް ފޮނުވާލި ބޯޅަ ވެސްޓް ބްރޮމްގެ ސްޓީވަން ރޭޑްގެ ފަޔަށް އަމާޒުވެ ގޯލަށް ވަނެވެ. މިލަނޑާއިއެކު 2-1 ން މެންޔޫ ކުރީގައިއޮވެ މެޗް ނިމިގެންދިޔައެވެ.
ޗެލްސީއާއި ސްޓޯކް ސިޓީ ބައްދަލުކުރި މެޗްގައި ޗެލްސީއިން މޮޅު ކުޅުމެއް ކުޅުނު ނަމަވެސް ޗެލްސީއިން އުފެއްދި ހަމަލާތަކުން އެއްވެސް ބޯޅައެއް ސްޓޯކްގެ ގޯލްގެތެރެއަށް ވަދެފައެއް ނުވެއެވެ. މިމެޗްގައި ޓޮރޭސް، އަނެލްކާ، ލަމްޕާޑް، ކަލޫ އަދި ޑްރަގްބާއަށްވެސް ލަނޑުޖަހާނެ ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވެއެވެ. މިމެޗް ނިމިގެންދިޔައީ 0-0 ން ދެޓީމް އެއްވަރުވެގެންނެވެ.
ޕްރެމިއާ ލީގުގައި މިރޭވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މެންސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި އަލަށް ޕްރެމިއާ ލީގަށް ޕްރޮމޯޓްވި ސްވަންސީ ސިޓީއާއި ދެކަޅަށް މެންސިޓީ ނުކުންނާނީ މިރޭ 12:00 ގައެވެ.