ތެލެސީމިއާ ބައްޔަށް ދެވޭ ފަރުވާގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް ސައިޕްރަސްގެ ޓީމެއް ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޒަކާތު ފަންޑުގެ އެހީގައި މި އަހަރު ބޯންމެރޯ ހެދުމުގެ ފުރުސަތު ލިބިފައިވާ ކުދިންނަށް ލިޔުން ހަވާލުކުރުމަށް އިއްޔެ އިސްލާމީ މަރުކަޒުގެ ހޯލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ ތެލެސީމިއާ ބަލި ކޮންޓްރޯލް ކުރުމަށް އެކަމުގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ސައިޕްރަސްގެ ޓީމެއް އަވަސް މުސްތަގްބަލްގައި ރާއްޖެ ޒިޔާރަތް ކުރައްވާނެ ކަމަށެވެ.

ނާޒިމް ވިދާޅުވީ ތެލެސީމިއާ ބަލި ކޮންޓްރޯލު ކުރުމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެއް ކަމަށާއި އެކަން ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މިދިޔަ އަހަރުގެ ތެރޭގައި ރާއްޖޭގެ ޑޮކްޓަރުންގެ ޓީމެއް ސައިޕްރަސް އަށް ގޮސްފައިވާނެ ކަމަށާއި އަދި 10 ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރި ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން މަޝްވަރާތަކެއް ކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދެން އެންމެ އަވަހަށް ކުރާނެ މަސައްކަތަކީ އައިޖީއެމްއެޗްގައި ހުރި އެމްއާރްއައި މެޝިން އަށް ސޮފްޓްވެއާ އިތުރުކުރުން. އަދި އެ ސޮފްޓްވެއާތަކުގެ އެހީގައި ތެލެސީމީއާގެ އިތުރު އަދި މުހިއްމު ޓެސްޓްތަކެއް ހެދުން،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ އެންމެ އާންމު ލޭގެ ބަލި ކަމަށްވާ ތެލެސީމިއާ ބަލި ކޮންޓްރޯލް ކުރުމަށް ސައިޕްރަސްގެ ޓީމްގެ ލަފަ އާއި އިރުޝާދު ހޯދުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ބައްޔަށް މުޖުތަމައު ހޭލުންތެރި ކުރަން ޖެހޭ ކަމަށެވެ.

ތެލެސީމިއާ ސްކްރީން ކުރުން މި އަހަރު އިތުރަށް ފުޅާ ވެގެންދާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

މޯލްޑިވްސް ބްލަޑް ސާވިސް އިން ބުނީ ތެލެސީމިއާގެ ދަފްތަރުގައި މިހާތަނަށް 861 ކުއްޖަކު ރެޖިސްޓްރީކޮށްފައިވާ ކަމަށެވެ.

މައިންބަފައިންގެ ކިބައިން ދަރިންނަށް ވާރުތަވާ ބަލިތަކުގެ ތެރެއިން ތެލެސީމިއާ ބައްޔަކީ ލޭގައި ހުންނަން ޖެހޭ މާއްދާއެއް ކަމަށްވާ، ހިމަގުލޮބިން މަދުވުމުގެ ސަބަބުން ކުއްޖާގެ ހަށިގަނޑުން ލޭ އުފެދުން މަދުވާތީ ދިމާވާ ސިއްހީ ހާލަތެކެވެ.