ޅ. ނައިފަރުގައި ބައްޕަގެ ފަރާތުން ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ލިބެމުންދިޔަ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އެ މައްސަލަ ތަހުގީގު ކުރަމުންދަނީ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓް (އެފްސީޕީޑީ)އިންނެވެ.

ނައިފަރު ކައުންސިލް މެމްބަރަކު ރޭ "ސަން"އަށް ވިދާޅުވީ ގްރޭޑް 9 ގައި ތައުލީމް ހާސިލްކުރަމުން އަންނަ އެކުއްޖާ ޖެންޑާގެ ބެލުމުގެ ދަށަށް ގެންދިޔައީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ.

އަދި އެނގިފައިވާ ގޮތުގައި ވެސް އެފްސީޕީޑީގެ ފަރާތުންނެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ އެފަދަ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

"ސަން"އާ ވާހަކަ ދެއްކި ބައެއް މީހުން ބުނިގޮތުގައި އެ އަންހެން ކުއްޖާއަށް ބައްޕަ ޖިންސީ ގޯނާ ކުރަމުންދާތާ އަހަރެއްވަރު ވެދާނެއެވެ. އަދި އެކަން ކުރަނީ އަންހެން ކުއްޖާގެ މަންމައަށް ވެސް އެނގިގެން ކަމަށް ބައެއް މީހުން ވަނީ ތުހުމަތު ކޮށްފައެވެ. ބައްޕަ ބިރުދައްކާފައިވާތީ އެ ވާހަކަތައް އެހެން މީހުންނަށް ކިޔައިދިނުމަށް އެ އަންހެން ކުއްޖާއާއި މަންމަ ފަސްޖެހޭ ކަމަށް އެ އާއިލާއިން "ސަން"އަށް މައުލޫމާތު ހިއްސާކުރި މީހަކު ކިޔައިދިނެވެ.

އެނގިފައިވާ ގޮތުގައި މި މައްސަލާގައި އަމިއްލަ ދަރިފުޅަށް ޖިންސީ ގޯނާ ކުރަމުން ދިޔަ ކަމަށް ތުހުމަތުކުރެވޭ މީހާ ވަނީ އޭނާގެ ދޮންދަރިއަކަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި މީގެ ދުވަސްކޮޅެއް ކުރިން ހައްޔަރުކޮށްފައެވެ.