16 Jan 2018, 08:49
މި ފެށޭ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ބެލަރޫސްގެ ފުރަތަމަ ޑިވިޝަންގައި ކުޅޭ ކީޕަރެއްގެ އިތުރުން ކިރިގިސްތާނުގެ މިޑްފީލްޑަރަކާއި ނައިޖީރިއާގެ ފޯވާޑެއް ގެންނަން ޓީސީ ސްޕޯޓްސް ކުލަބުން ނިންމައިފިއެވެ.
ޓީސީގެ ފަރާތުން 'ސަން ސްޕޯޓްސް' އަށް މައުލޫމާތު ދީފައިވާ ގޮތުގައި އެޓީމަށް ގެންނަ ކީޕަރަކީ އުމުރުން 33 އަހަރުގެ ޑިމީޓްރީ އަސްނިންއެވެ. އެޓީމަށް ގެންނަ ކިރިގިސްތާންގެ މިޑްފީލްޑަރަކީ އެގައުމުގެ ގައުމީ ޓީމަށް ވެސް ކުޅެފައިވާ އެނަޓޯލީ ވްލާސިޗޭވްއެވެ. އަދި ނައިޖީރިއާ ފޯވާޑަކީ ޕީޓާ ކޮލަވޯލޭއެވެ.
ބެލަރޫސްގެ ޕްރިމިއާ ލީގުގެ ޑައިނަމޯ ބިރެސްޓާއި ނަފްތާން އަދި ގޮމެލްއަށް ވެސް ކުޅެފައިވާ އަސްނިން ވަނީ ކްލަބު ކެރިއަރުގައި 117 މެޗު ކުޅެފައެވެ. 2011 އިން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ބެލަރޫސްގެ ދެވަނަ ޑިވިޝަންގައި ކުޅުނު އަސްނިން ވަނީ 2015 ވަނަ އަހަރުން ފެށިގެން އެގައުމުގެ އެންމެ މަތީ ފަންތީގެ ލީގު، ބެލަރޫސް ޕްރިމިއާ ލީގުގައި ކުޅެފައެވެ. މިދިޔަ އަހަރުގައި ވެސް އޭނާ ވަނީ ނަފްތާންއާއެކު 13 މެޗު އަދި ގޮމެލްއާއެކު ތިން މެޗު ކުޅެފައެވެ.
ޓީސީއަށް ގެންނަ މިޑްފީލްޑަރު އެނަޓޯލީ ވްލާސިޗޭވް ވަނީ 2014 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖު ކަޕުގައި ކުޅުނު ކިރިގިސްތާނު ޓީމުގެ ސުކޮޑުގައި ހިމެނި އެ މުބާރާތުގައި ވެސް ކުޅެފައެވެ. ގައުމީ ޓީމަށް ޖުމްލަ 13 މެޗު ކުޅެދީފައިވާ ވްލާސިޗޭވް އެންމެ ފަހުން ކުޅެފައިވަނީ ކަޒަކިސްތާން ފުރަތަމަ ޑިވިޝަންގެ މަހްތާރަލްއަށެވެ.
މީގެ އިތުރުން ވެސް އުމުރުން 29 އަހަރުގެ ވްލާސިޗޭވް ވަނީ ކިރިގިސްތާނާއި ކަޒަކިސްތާންގެ ފުރަތަމަ ޑިވިޝަންގައި ކުޅޭ ގިނަ ޓީމުތަކަކަށް ކުޅެފައެވެ. އެގޮތުން އަލޭ އޯޝް، ލަޝީންގެ އިތުރުން ސްޕާޓަކު ސެމޭއާއި ޑޯޑޯ ބިޝްކެކް އަދި އޮކްޒެޕްޓްޕެސްއަކީ ވެސް ވްލާސިޗޭވް ކުޅެފައިވާ ކްލަބުތަކެވެ. ވްލާސިޗޭވް ވަނީ 2016 ވަނަ އަހަރު އޮމާން ކްލަބަކާއެކު އޮމާންގެ ފުރަތަމަ ޑިވިޝަންގައި ވެސް ކުޅެފައެވެ.
ޓީސީއަށް ގެންނަ ފޯވާޑް، އުމުރުން 27 އަހަރުގެ ޕީޓާ ކޮލަވޯލޭ އެންމެ ފަހުން ކުޅެފައިވަނީ މިދިޔަ އަހަރު ސާބިއާގެ ފުރަތަމަ ޑިވިޝަންގެ ތިންވަނަ ހޯދި ސްލޮބޯޑާ އުޒީސްއަށެވެ. ވޭތުވެދިޔަ ދެ އަހަރުގައި ވެސް ކޮލަވޯލޭ ހޭދަކޮށްފައިވަނީ ސައުދީ އަރަބިއާގެ ދެވަނަ ޑިވިޝަންގައެވެ. އޭނާ ވަނީ ސައުދީގެ ދެވަނަ ޑިވިޝަން ޓީމުތަކަށް ކުޅުމުގެ އިތުރުން މިސްރުގެ ދެވަނަ ޑިވިޝަންގެ ޓީމުތަކަށް ވެސް ކުޅެފައެވެ. 2010 ވަނަ އަހަރު ކޮލަވޯލޭ ވަނީ އިޓަލީގެ ތިންވަނަ ޑިވިޝަން ކްލަބެއް ކަމަށްވާ ފޯގިއާގައި ލޯން އެއްބަސްވުމެއްގެ ދަށުން އެއް އަހަރު ހޭދަކޮށްފައެވެ.
ޓީސީން ބިދޭސީ ޑިފެންޑަރެއްގެ ގޮތުގައި އަންނަ ސީޒަންގައިވެސް ފެނިގެންދާނީ މިދިޔަ އަހަރުވެސް އެޓީމުގެ ފަހަތުގައި މުހިންމު ރޯލެއް އަދާކުރި އަލް މަގުރަބީއެވެ.
މިފެށޭ ސީޒަންގެ އޭއެފްސީ ކަޕަށް ތައްޔާރުވަމުންދާ ޓީސީން އަންނަނީ ޓީމު ވަރުގަދަ ކުރަމުންނެވެ. އެޓީމުން ވަނީ ވޭތުވެދިޔަ އަހަރު ށ. މިލަންދޫއިން ވިދާލި އިޝާން އިބްރާހީމް (ސައްޓު)ގެ އިތުރުން އއ. މާޅޮހުގެ ތަރި އަހުމަދު އާރިފް (އާރީ) ވެސް ޓީމަށް ގެނެސްފައެވެ. މީގެ އިތުރުން ވެސް ޓީސީގައި މިދިޔަ އަހަރު ކުޅުނު ކުޅުންތެރިންގެ ތެރެއިން ގިނަ ދިވެހި ކުޅުންތެރިންތަކެއް ވަނީ ކޮންޓްރެކްޓް އައުކޮށްފައެވެ.