ޔޫރަޕުގެ ބޮޑެތި ކުލަބުތަކަށް ނޫނެކޭ ބުނެ ރޯމާގެ މިޑްފީލްޑަރު ރަޖާ ނައިންގޮލާން ވެސް ޗައިނީސް ސުޕަ ލީގަށް ދިއުމަށް ތައްޔާރުވެފައިވާ ކަމަށް ގެޒެޓޯ ޑެލޯ ސްޕޯޓްސްއިން ބުނެފިއެވެ.

އިޓަލީގެ އެންމެ ބޮޑު އެއް ކުޅިވަރު ނޫސް ކަމަށްވާ ގެޒެޓޯ ޑެލޯއިން ބުނެފައިވަނީ ނައިންގޮލާންގެ ޓްރާންސްފާއަށް ރޯމާއާއެކު ޗައިނީސް ސުޕަ ލީގުގައި ވާދަކުރާ ގުއާންޒްހޯ އެވާގްރޭންޑާއާ އެއްބަސްވުމަކަށް އައިސްފައިވާ ކަމަށެވެ.

މެންޗެސްޓާ ޔުނައިޓެޑް އަދި ޗެލްސީން ވެސް ހޯދަން މަސައްކަތްކުރާ މިޑްފީލްޑަރު ނައިންގޮލާން ޗައިނާ ލީގަށް ދާނެ ކަމަށް ލަފާކުރެވެނީ 50 މިލިއަން ޕައުންޑުގެ ޓްރާންސްފާއެއްގައި ކަމަށް ވެސް އިޓަލީގެ ނޫސްތަކުން ބުނެއެވެ. އުމުރުން 29 އަހަރުގެ މިޑްފީލްޑަރު ނައިންގޮލާން ރޯމާގެ ކޮންޓްރެކްޓް އައުކޮށްފައިވަނީ ވޭތުވެދިޔަ ހޫނު މޫސުމުގައެވެ. އޭނާގެ ކޮންޓްރެކްޓްގައި އަދި ބާކީ ތިން އަހަރާ ބައި އެބައޮތެވެ.

ގުއާންޒްހޯ އެވާގްރޭންޑްގެ ކޯޗަކީ ކުރިން އިޓަލީގެ ގައުމީ ޓީމުގެ ކެޕްޓަންކަން ކުރި ފަބިއޯ ކަނަވާރޯއެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ނައިންގޮލާންއަކީ ކަނަވާރޯ ވަރަށް ގަޔާވާ ކުޅުންތެރިއެކެވެ.

ބެލްޖިއަމްގެ ގައުމީ ޓީމުން ވެސް އާންމުކޮށް ޖާގަ ހޯދަމުން އަންނަ ނައިންގޮލާންއާއި ބެލްޖިއަމް ކޯޗު ރޮބާޓޯ މާޓިނޭޒްއާ ދެމެދު ދާދި ފަހުން ޖެހުނު މައްސަލައާ ގުޅިގެން މިއަހަރު އޮންނަ ވޯލްޑް ކަޕުގެ ސުކޮޑުގައި އޭނާ ހިމަނާނެ ކަމާމެދު ވަނީ ސުވާލުތަކެއް އުފެދިއެވެ. އަދި ނައިންގޮލާން ޗައިނާ ލީގަށް ގޮސްފިނަމަ ބެލްޖިއަމް ގައުމީ ޓީމަށް އެރުން ވާނީ އުނދަގޫ ކަމަށެވެ.

ކްލަބު ކެރިއާ އިޓަލީގައި ހޭދަކޮށްފައިވާ ނައިންގޮލާން ވަނީ ރޯމާގެ އިތުރުން ކަގްލިއާރީއަށް ވެސް ކުޅެފައެވެ. 2013 ވަނަ އަހަރުން ފެށިގެން ރޯމާއަށް ކުޅެމުން އަންނަ ނައިންގޮލާން ވަނީ އެ ކްލަބަށް 180 މެޗު ކުޅެދީފައެވެ. ބެލްޖިއަމް ގައުމީ ޓީމަށް ވެސް ނައިންގޮލާން ވަނީ 29 މެޗު ކުޅެދީފައެވެ.