16 Jan 2018, 09:10
މިއަހަރުގެ ސީޒަން ފެށުމުގެ ކުރިން ހުރިހާ ރެފްރީން ވެސް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގައި ރަޖިސްޓަރީވުމަށް އެދިއްޖެއެވެ.
ރެފްރީންގެ ކަންތައްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން މިއަހަރު ރެފްރީންގެ ދަފުރަތެއް ހެދުމަށް އެފްއޭއެމްއިން ނިންމާފައިވާ އިރު، ރެފްރީން ރަޖިސްޓަރީވުމުގެ އެންމެފަހު ތާރީހަކީ މިމަހުގެ 28 ވަނަ ދުވަހެވެ. ރެފްރީ ކޯސް ފުރިހަމަކޮށްފައިވާ ރެފްރީން ވެސް ރަޖިސްޓަރީ ނުވާނަމަ އެފްއޭއެމްގެ މުބާރާތްތަކުގައި ރެފްރީކަން ނުކުރެވޭނެ ކަމަށް ވެސް އެފްއޭއެމްއިން ވަނީ މައުލޫމާތުދީފައެވެ.
ރެފްރީންގެ މައްސަލައަކީ ވޭތުވެދިޔަ ސީޒަންގައިވެސް ދިމާވި ބޮޑު މައްސަލައެކެވެ. އެގޮތުން އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ދ. ކުޑަހުވަދުއާއި ށ. މިލަންދޫ ބައްދަލުކުރި މެޗުގައި ރެފްރީގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ދ. ކުޑަހުވަދޫއިން ވަނީ ދަނޑުން ފައިބައިފައެވެ.
މީގެ އިތުރުން ވެސް ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ސްޕޯޓްސް ކްލަބާއި ނިއުރޭޑިނަޓް ސްޕޯޓްސް ކްލަބު ވާދަކުރި މެޗުގައިވެސް ރެފްރީގެ ޝަކުވާތައް ނިއުގެ ކޯޗު އޮސްކާ ބްރޫޒޯން ވެސް ވަނީ ވަރަށް ބޮޑަށް ކޮށްފައެވެ. އަދި މާލޭ ލީގުގައި ވެސް މި ދެ ޓީމު ކުޅުނު ދެ މެޗުގައި ވެސް މާޒިޔާގެ އޭރުގެ ކޯޗު މަރުޔާން ސެކުލޮވްސްކީއާއި ނިއުގެ ކޯޗުގެ މަގާމުގައި ހުރި ބެނާޑޯ ޓަވާރޭޒްވެސް ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ވެސް ވޭތުވެދިޔަ ސީޒަންގައި ބުނެފައިވަނީ ރެފްރީން މިހާރަށްވުރެ ސީރިއަސްވާން ޖެހޭ ކަމަށެވެ.
މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި ރެފްރީ މުހައްމަދު ނިއުޝާދު ސަސްޕެންޑްކޮށް، އެފްއޭއެމްގެ ރެފްރީސް ޑިފާޓްމަންޓާ ހަވާލުވެހުރި އަހްމަދު އަމީޒު މަގާމުން ވެސް ވަނީ ވަކިކޮށްފައެވެ. އަދި ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ކްލަބު ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގައި ރެފްރީ ނިއުޝާދުގެ ނިންމުމަކާ ހިތްހަމަ ނުޖެހިގެން ގްރީނުން ރެފްރީ ނިއުޝާދު ލައިގެން މެޗު ކުރިއަށް ގެންދަން ބޭނުން ނުވުމުން އެ މެޗު ވަނީ ނިންމާލައިފައެވެ. ރެފްރީ ނިއުޝާދު ސަސްޕެންޑް ކުރީ އޭނާއާ ދެކޮޅަށް ހުށަހެޅުނު ގިނަ މައްސަލަތަކެއް ބެލުމަށެވެ.
ރެފްރީންގެ މައްސަލަ ހައްލުކުރުމަށް އެފްއޭއެމްއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.