16 Jan 2018, 09:26
މަޝްހޫރު ވާހަކަ ލިޔުންތެރިޔާ މަރިޔަމް މޫސާ (މަރީ) ގެ ފުރަތަމަ ޑައިރެކްޝަން "ތިޔަ ލޯތްބާ ދުރަށް" ގެ ޓީޒާ އާންމުކޮށްފިއެވެ.
އޭޕްރީލް 21 ވަނަ ދުވަހު ރިލީޒްކުރާ އެ ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ އަހުމަދު އަޒްމީލް (އަޒޭ) އާއި މަަލިހާ ވަހީދު (މަލް) އެވެ. މީގެ އިތުރުން 2000 ގެ އަހަރުތަކުގެ ތެރޭގައި ވީޑިއޯ ލަވަތަކުން ވިދާލި މަރިޔަމް ޝަހުޒާ (ޝަހޫ) ގެ އިތުރުން ޝަހޫގެ ފިރިމީހާ އަހުމަދު އަމަން (ޓޮމް) އާއި ސްރީލަންކާގެ ތަރިއެއް ވެސް މި ފިލްމުން ފެނިގެންދާނެއެވެ.
ފިލްމުގެ ޓީޒާއިން އެންމެ ފާހަގަވީ މީގެ ކުރިން ދިވެހިންގެ ތެރޭ މަގުބޫލުވެގެން ގޮސްފައިވާ އަލީ ރަމީޒުގެ "ދީވާނާ" އަދި ފަޒީލާ އާމިރާއެކު އަލީ ރަމީޒު ކިޔާފައިވާ "އާވާ ހަނދާނޭ" މި ދެ ލަވަ ފިލްމުގައި ހިމެނޭ ކަމެވެ.
ފިލްމު "ތިޔަ ލޯތްބާ ދުރަށް" ގެ ހުރިހާ މަންޒަރެއް ނަގާފައިވަނީ އަވައްޓެރި ސްރީލަންކާގައެވެ. ފިލްމުގެ ކެމަރާމަންއަކީ އަލީ ރަޝީދު (ގޮޅާ އައްޔަ) އެވެ.
ފިލްމުގެ ޓިކެޓް ބުކް ކުރަން އަންނަ މަހުގެ އެއްވަނަ ދުވަހު ހުޅުވާލުމަށް ހަމަޖެހިފައިވާ އިރު، ފިލްމުގެ ޕްރިމިއާ ނައިޓްގައި ހާއްސަ ސަޕްރައިޒެއް އޮންނާނެ ކަމަށް މަރީ ބުންޏެވެ.
މަރީގެ އަމިއްލަ ވާހަކައަކަށް ހަދާ ތިނެސްކަން ލޯބީގެ މި ފިލްމުގެ އިންތިޒާރުގައި މަރީގެ ވާހަކަތަކަށް ލޯބިކުރާ މީހުން ތިބޭނެކަން ޔަގީނެވެ.