15 Aug 2011, 13:29
ޑިފެންސް މިނިސްޓަރު ތަލްއަތު އިބްރާހީމް ދީދީ އާއި ފިޝަރީޒް މިނިސްޓަރު ޑރ. އިބްރާހީމް ދީދީ އަށް ރައްޔިތުންގެ މަޖިލީހުންރުހުން ދީފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ޑިފެންސް މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައިވާ މއ. އަރާރޫޓްވިލާ ތަލްހަތު އިބްރާހީމް ކަލޭގެ ފާނަށް ރުހުން އޮތްކަމަށް ފާސްކުރީ ޖަލްސާގައި ތިއްބެވި 75 މެންބަރުންގެ ތެރެއިން 50 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އަދި އޭނާއަށް ރުހުންދޭން ނުފެންނަ ކަމަށް 24 މެންބަރުން ވޯޓު ދެއްވި އެވެ. ފިޝަރީޒު މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައިވާ ޑރ. އިބްރާހީމް ދީދީ އަށް ރުހުން އޮތް ކަމަށް ވޯޓު ދެއްވީ ޖަލްސާގައި ތިއްބެވި 76 މެންބަރުންގެ ތެރެއިން 40 މެންބަރުންނެވެ. އަދި ޑރ.ޑީޑީއަށް ރުހުންދޭން ނުފެންނަ ކަމަށް 35 މެންބަރުން ވޯޓު ދެއްވި އެވެ.
މި ދެބޭފުޅުންގެ ނަންފުޅު ދިރާސާ ކުރުމަށް ފަހު ސަރުކާރުގެ މަސްއޫލިއްޔަތު ބަލާ ކޮމެޓީން މަޖިލީހަށް މިއަދު ހުށަހެޅި ރިޕޯޓްގައި ބުނެފައި ވަނީ ތަލްހަތަށް ރުހުން ދޭން ފެންނަ ކަމަށާއި، ޑރ.ޑީޑީއަށް ރުހުން ދޭން ނުފެންނަ ކަމަށެވެ.
މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވި އިދިކޮޅު މެންބަރުން ވިދާޅުވީ، ޑރ.ޑީޑީއާ އެއްފަދައިން ތަލްހަތަށް ވެސް މަޖިލީހުން ރުހުންދޭން ނުފެންނަ ކަމަށެވެ.
ޑީއާރުޕީގެމެންބަރު ވައިކަރަދޫ ދާއިރާގެ އަލީ އާރިފް ވިދާޅުވީ، މީގެ ކުރިންވެސް މަޖިލީހުން ރުހުންދީފާއިނުވާތީ، މިފަހަރު ވެސް ޑީޑީއަށް ރުހުންނުދޭން ނުފެންނަ ކަމަށެވެ. އަދި މަޖިލީހަށް ގޮންޖެއްސެވުމުގެ ގޮތުން މަޖިލީހުން ރުހުން ދީފައިނުވާ މެންބަރުންގެ ނަންފުޅުތައް މަޖިލީހަށް ފޮނުވުމުގެ ބަދަލުގައި ރިޕީޓްނުވާ ނަންނަފުޅުތަކެއް ވަޒީރުކަމަށް ފޮނުއްވުމަށް ރައީސް ނަޝީރުގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕީއޭގެ މެންބަރު ފޮނަދޫ ދާއިރާގެ އަބުދުއްރަހީމް އަބުދުﷲ ވިދާޅުވީ، ޑރ.ޑީޑީއަށް ރުހުން ނުދޭން އޭނާގެ ޕާޓީން ނިންމާފައި ވަނީ ދެ ސަބަބާހެދި ކަމަށެވެ. އޭނާ ވިދާޅުވީ، މަޖިލީހުން ރުހުން ނުދީ ފެއިލްކޮށްލިތާ އަހަރެއް ނުވަނީސް އަލުން މަޖިލީހުގެ ރުހުން އޮތްތޯ ބެލުމަށް ޑރ.ޑީޑީގެ ނަން ފޮނުވާފައި ވަނީ މަޖިލީހުގެ އިއްޒަތާއި ގަދަރާ ކަރާކާތް ގެއްލުވާލުމަށް ރައީސް ނަޝީދު ކުރައްވާފައިވާ ކަމެއް ކަމަށެވެ. އަދި އެމްޑީޕީ ރައީސްކަމަށް ކުރިމަތިލެއް ވިރު، ލައްކަ ގިނަ ކަންތައް ކުރެވޭނީ ލައްކަގިނަ ވަގުތު ލިބިގެންކަމަށް ވިދާޅުވެ ޑރ.ޑީޑީ ދައްކަވާފައިވާ ވާހަކަ ފުޅުތަކާ އަމަލާ ދިމާނުވާތީ އޭނާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީން ޑީޑީއަށް ރުހުންނުދިނުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ތޮލްހަތަށް ރުހުން ނުދޭން ނިންމާފައިވަނީ، އެއްވެއުމުގެ ގަވާއިދަށް ބެލުމެއްނެތި، ރައްޔިތުންގެ މަޖިލީހާ ދެކޮޅަށް ރާއްޖޭގެ އެކި ކަންކޮޅޫތަކުން މީހުން އެއްވުމަށް ގޮވާލައި އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކުރަށް ވޯޓު ލައްވާފައިވާތީ އެވެ. އަދި އެމްޑީޕީ މެންބަރުންތަކެއް މަޖިލިސް ހިސޯރު ކުރުމުން ސެކިއުރިޓީގެ ކަންތައް ގެންގޮސްފައިވާގޮތުން ސުވާލު އުފެދޭތީކަމަށް ވެސް އޭނާ ވިދާޅޫވި އެވެ.
ގައުމީ ޕާޓީގެ މެންބަރު ވިލުފުށީ ދާއިރާގެ ރިޔާޒު ރަޝީދު ވިދާޅުވީ، ހުސްވި ޖުލައި މަހުގެ 13 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީޖހު ޖަލްސާކުރާ މާލަމަށް ސިފައިންވަދެ ބާރުގެ ބޭނުންކޮށްގެން ނަން އިއްވި މެންބަރުން ނެރެފައި ވަނީ، ތަލްއަތު އިސްކޮށް ހުންނަވައިގެން މަޖިލީހުގެ ނާއިބު ރައީސަށް ތަކުރާރުކޮށް އިންޒާރު ދެއްވައިގެން ކަމަށެވެ. އަދި އެމްޑީޕީގެ މެންބަރުން މަޖިލިސް ހައިޖެކްކުރި މައްސަލައިގައި މަޖިލީހުގެ މެމްބަރުންނަށާއި، ނާއިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމަށް ސިފައިން ސެކިއުރިޓީ ދީފައިނުވާ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. އަދި އޭރު މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓަން ސިފައިންގެ ފަރާތުން ހުންނެވި، މުހައްމަދު ރަޝީދު އެތަނުން ބަދަލުކޮށްފައި ވަނީ ބަޑިއާއި ފިސްތޯލަ ބޭނުންކޮށްގެން މެންބަރުން ޖަލްސާ އިން ނުނެރުމުން ކަމަށާއި އެކަންކަމުގެ ސަބަބުން ތަލްއަތަށް ރުހުންދޭން ނުފެންނަ ކަމަށް ވެސް ރިޔާޒުވި ދާޅުވި އެވެ.
ސަރުކާރަށް ނިސްބަތްވާ މެންބަރުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ވަޒީރުންނަށް މަޖިލީހުން ރުހުން ދޭން ޖެހޭނެ ކަމަށެވެ. އަދި ވަޒީރަކާ މެދު މަޖިލީހުން ފިޔަވަޅު އަޅަން ވާނީ ރެހުން ދިނުމަށް ފަހު ފެންނަ ކަންތައްތަކަށް ބަލައިގެން ކަމަށް ވެސް ވިދާޅުވި އެވެ. އަދި ޑިފެންސް މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައިވާ ތޮލްއަތަކީ ގާބިލް ބޭފުޅެއް ކަމަށާއި އޭނާގެ ސަބަބުން ރާއްޖޭގެ އަސްކަރިއްޔާއަށް ޒަމާނީ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.
އެމްޑީޕީގެ މެންބަރު މަޑަވެލީ ދާއިރާގެ އަހްމަދު ނާޒިމް ވިދާޅުވީ، މީގެ ކުރިން ޑރ.ޑީޑީއަށް މަޖިލީހުން ރުހުންދީފައި ނުވަނީ އިދިކޮޅު ފަރާތްތަކުގެ ސިޔާސީ ވިސްނުމަކުން ކަމަށެވެ. އަދި ޑީޑީއަށް ރުހުން ނުދޭން މިފަހަރު ކޮމިޓީން ނިންމާފައި ވަނީ ވެސް އެ ފަދަ ގޮތަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޑރ.ޑީޑީއަށް ރުހުން ދީފައި މިވަނީ ޑީޑީއަށް ރުހުން ނެތްކަމަށް ފާސްކުރިތާ އަހަރެއް ވެސް ނުވަނީހެވެ. ރައީސް ނަޝީދުގެ މުޅި ކެބިނެޓް އިސްތިއުވާ ދެއްވުމަށް ފަހު އަލުން އެކުލަވާލި ކެބިނެޓުން ވެސް ޑީޑީއަށް ފުރުސަތު ލިބުނެވެ. ނަމަވެސް އެފަހަރު އޭނާގެ ނަން މަޖިލީހުން ވަނީ ބޭރުކޮށްލައިފަ އެވެ.
ޑރ. ޑީޑީއަށް ރުހުންދީފައި މިވަނީ އޭނާއަށް ރުހުން ނުދޭނެކަމަށް އިދިކޮޅު ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީ އާއި ޒެޑްފެކްޝަން ކޯލީޝަނުން ބުނެފައި ވަނިކޮށެވެ.
ވިހި މެންބަރުންގެ މައްޗަށް އެކުލެވޭ ޒެޑްފެކްޝަނަށް ނިސްބަތްވާ އިދިކޮޅު އިއްތިހާދުން މީގެ ކުރިން ބުނެފައިވަނީ، ޑީޑީ އާއި ތަލްހަތަށް ރުހުން ނުދޭން ނިންމާފައިވާ ކަމަށެވެ.