ހުޅުމާލޭގައި ހުކުރުދުވަހު ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ދެމީހުންގެ ތެރެއިން ހުޅުމާލޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތް މީހާގެ ހާލު ސީރިއަސްވެއްޖެއެވެ.

ހާލު ސީރިއަސް ވެފައިވަނީ ފ. ދަރަނބޫދޫ، ބަނަފްސާގޭ ހިޝާމް ހާރޫނުގެއެވެ.

ހުޅުމާލެ ހޮސްޕިޓަލު ހިންގާ އާސަންދަ ކުންފުނީގެ އިންފޮމޭޝަން އޮފިސަރު އާޝިޔާ ސާލިހް "ސަން" އަށް މިރޭ ވިދާޅުވީ އެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތް ޕޭޝަންޓުގެ މައްސަލައެއް އުޅޭ ކަމަށް ރޭ އިރާކޮޅު ޑޮކްޓަރަށް ފާހަގަވެގެން އެކަން އާއިލާ އަށް އެންގި ކަމަށެވެ. އަދި ޑޮކްޓަރުގެ ލަފާގެ މަތިން އޭނާ މިހާރު އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށް އާޝިޔާ ވިދާޅުވިއެވެ.

"އެޕޮއިންޓްމެންޓް ލިބުނީ މިއަދު. މިއަދުވަނީ ޕޭޝެންޓް އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައި،" އާޝިޔާ ވިދާޅުވިއެެވެ.

ހުޅުމާލޭގައި މި މަހުގެ 12 ވަނަ ދުވަހު ހިނގި އެކްސިޑެންޓުގައި އަނިޔާ ލިބުނު މުހައްމަދު ސުލައިމާން އައިޖީއެމްއެޗުގައި --- ސަން ފޮޓޯ/ މުހައްމަދު ސަމާހު

ހިޝާމްގެ ގާތް މީހަކު "ސަން" އަށް ބުނީ އޭނާގެ ބޮލުގެ ނާށިގަނޑު ފެޅި ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށެވެ. ހިޝާމްގެ ހާލު ސީރިއަސް ކަމަށް ވެސް އޭނާ ބުންޏެވެ.

އެކްސިޑެންޓުގައި ދެން އަނިޔާވީ ފ. ދަރަނބޫދޫ ފީރޯޒްވާދީ، މުހައްމަދު ސުލައިމާނަށެވެ. ސުލައިމާނުގެ ބޭބެ "ސަން" އަށް ބުނީ އޭނާގެ ހާލުވެސް އެންމެ ރަނގަޅު ނޫން ކަމަށެވެ.

އައިޖީއެމްއެޗުގައި އޮވެ "ސަން"އާ ވާހަކަދައްކަމުން ސުލައިމާނު ބުނީ އޭނާގެ ކަރަށް ތަދުވާ ކަމަށެވެ.

ސުލައިމާނު މާލެ ގެނައީ ބޮލަށް ލިބިފައިވާ އަނިޔާތަކާ ގުޅިގެން ހުކުރުދުވަހުއެވެ.

"ސަން" އާ ވާހަކަ ދައްކަމުން ސުލައިމާނު ބުނީ އެކްސިޑެންޓް ވީ ސްޕީޑް ބްރޭކަރަކަށް އަރައިގެން ކޮންޓްރޯލު ނުވެގެން ކަމަށެވެ.

"ފެރީން ފޭބި ހަނދާން ވޭ. އޭގެ ފަހުން ހަނދާނެއް ނެތް އެއްވެސް އެއްޗެއް. ހެލެވުނު އިރު އޮތޯ ހޮސްޕިޓަލުގަ،" ހުކުރު ދުވަހު މެންދުރުފަހު ހުޅުމާލެ އަށް ގޮސް ފޭބުމަށްފަހު މާގިނައިރުތަކެއް ނުވެ ހިނގި އެކްސިޑެންޓާގުޅޭގޮތުން އެނާ ބުންޏެވެ.