ޕާކިސްތާނުގެ ގައުމީ އެއާލައިން، ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިން (ޕީއައިއޭ) ޕްރައިވަޓައިޒްކުރުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

މިއަހަރު ބާއްވާ އާންމު އިންތިހާބުގެ ކުރިން އެ އެއާލައިން އަމިއްލަ ބަޔަކަށް ވިއްކާލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ޚަބަރުތައް ބުނެއެވެ. ދުނިޔޭގެ ބޮޑެތި އެއާލައިންތައް ކަމަށްވާ އެމިރޭޓްސް އަދި އިއްތިހާދު އެއާވޭސް އިން ޕީއައިއޭ ގަތުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ޕީއައިއޭ އަށް ވަނީ މާލީ ދަތިކަމުގެ އިތުރުން ބޮޑެތި އެއާލައިންތަކުގެ ސަބަބުން މާކެޓް ގެއްލުން ފަދަ ދަތިތައް ކުރިމަތިވެފައެވެ. ޚާއްސަކޮށް އެ އެއާލައިން ގަތުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ އެމިރޭޓްސް އަދި އިއްތިހާދު އެއާވޭސް ގެ ސަބަބުން ޕީއައިއޭ އަށް މާކެޓް ގެއްލިފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ޕީއައިއޭ އަށް ދިމާވެފައިވާ އަނެއް ގޮންޖެހުމަކީ މެނޭޖުމެންޓުގައި ދިމާވެފައިވާ މައްސަލަތަކެވެ. އަދި 2016 ވަނަ އަހަރު އެއެއާލައިނުގެ ބޯޓެއް ވެއްޓި 49 މީހުން މަރުވި ހާދިސާއިން އަދިވެސް އެ އެއާލައިނަށް އަރައިގަނެވިފައެއް ނުވެއެވެ.

ޕީއައިއޭ ޕްރައިވަޓައިޒް ކުރުމަށް އެގައުމުގެ ސަރުކާރުން ވަނީ މީގެކުރިންވެސް މަސައްކަތް ކޮށްފައެވެ. ނަމަވެސް މުވައްޒަފުން ހަޅުތާލު ކުރުމުގެ ސަބަބުން އެ މަސައްކަތް ކާމިޔާބު ވެފައެއް ނުވެއެވެ.

ޕީއައިއޭގެ އިތުރުން އިތުރު 67 ކުންފުންޏެއް ޕްރައިވަޓައިޒް ކުރުމަށް ޕާކިސްތާނު ސަރުކާރުން ވަނީ ނިންމައިފައެވެ.