ޔޫރަޕުގެ އެންމެ ކާމިޔާބު ކްލަބު، ރެއާލް މެޑްރިޑްގެ ކްލަބު ޑޮކްޓަރު ޖޯކިން މާސް ޗައިނީސް ސުޕަ ލީގުގެ ޝަންހާއި ޝެންހުއާއަށް ބަދަލުވެއްޖެއެވެ.

ޗައިނާގެ ސުޕަ ލީގު މަޝްހޫރުވެފައިވަނީ ޔޫރަޕުގެ ގިނަ ކުޅުންތެރިންތަކެއް ބޮޑެތި އަގުތަކުގައި ގެންދާ ލީގެއްގެ ގޮތުގައެވެ. ޗައިނާ ލީގުގައި މިހާރު ވެސް ޔޫރަޕުގެ ގިނަ ކުޅުންތެރިންތަކެއް ދަނީ ކުޅެމުންނެވެ. އޭގެ ތެރޭގައި އާޖެންޓީނާ ލެވެއްޒީ، ބްރެޒިލްގެ އޮސްކާގެ އިތުރުން ހަލްކު ވެސް ފާހަގަކޮށްލެވެއެވެ. އަދި އިޓަލީގެ ފުޓްބޯޅަ ލެޖެންޑް ފަބިއޯ ކަނަވާރޯއަކީ މިހާރު ޗައިނާ ލީގުގެ ކޯޗެކެވެ. މީގެ އިތުރުން ވެސް އެންދުރޭސް ވިޔާސް ބޯސްއާއި ފަބިއޯ ކަޕެއްލޯ އަދި މެނުއަލް ޕެލެގްރީނީ ވެސް ވަނީ ޗައިނާ ލީގުގެ ކޯޗުންގެ ގޮތުގައި ފެނިގެންގޮސްފައެވެ.

ރެއާލް މެޑްރިޑް ދޫކޮށްލިކަން މާސް ވަނީ އޭނާގެ އިންސްޓާގްރާމް މެދުވެރިކޮށް ކަށަވަރުކޮށްދީފައެވެ. ރެއާލް މެޑްރިޑުން ހޯދާފައިވާ ނުވަ ޓްރޮފީއަކާއެކު މާސް ނަގާފައިވާ ފޮޓޯތަކުގެ ފޮޓޯ ކޮލާޖާއެކު އޭނާ ކޮށްފައިވާ އިންސްޓާގްރާމް ޕޯސްޓްގައި އޭނާވަނީ ރެއާލް މެޑްރިޑްގެ ހުރިހާ އެންމެންނަށް ވެސް ޝުކުރު އަދާކޮށްފައެވެ.

ރެއާލް މެޑްރިޑް ދޫކޮށްލި ކްލަބު ޑޮކްޓަރު މާސް --- ފޮޓޯ/ މީސް މީޑިއާ

މާސް ބުނެފައިވަނީ ރެއާލް މެޑްރިޑަކީ އޭނާގެ ހިތުގައި އަބަދުވެސް އޮންނާނެ ކުލަބެއް ކަމަށާއި، ރެއާލް މެޑްރިޑާއެކު ހޭދަކުރި ހުރިހާ އުފާވެރި ވަގުތުތަކެއްގެ ހަނދާންތައް ހިތުގައި ހުންނާނެ ކަމަށެވެ.

ދެހާސް ތޭރެވަނަ އަހަރުގައި ވެސް ރެއާލް ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތްކުރި ޖޯކިން މާސް ވަނީ 2014-15 ވަނަ އަހަރުގެ ސީޒަންގައި ލެވާންޓޭގެ ކްލަބު ޑޮކްޓަރުގެ މަގާމު ވެސް އަދާކޮށްފައެވެ. އެ ސީޒަނަށްފަހު އޭނާ އަނެއްކާވެސް މަސައްކަތްކުރީ ރެއާލްގައެވެ.