16 Jan 2018, 09:21
ދުނިޔޭގެ އުފެއްދުންތެރިކަމުގެ ސިނާއަތުގައި އިންޑިއާއަށް ލިބެނީ 30 ވަނަ ކަމަށް ވޯލްޑް އިކޮނޮމިކް ފޯރަމްއިން އެކުލަވާލި ގްލޯބަލް މެނުފެކްޗަރިން އިންޑެކްސްގައި ބުނެފިއެވެ.
މިއީ ބްރިކްސްގެ ގައުމުތަކުގެ ތެރެއިން ދެވަނައެވެ. އިންޑިއާއަށް ވުރެ ފަސް ދަރަޖަ ކުރި ލިބެނީ ޗައިނާއަށެވެ. ބްރިކްސްގެ ގައުމުތަކުގެ ތެރެއިން ބްރެޒިލްއާއި ރަޝިއާ އަދި ސައުތު އެފްރިކާ އުޅެނީ އިންޑިއާއަށް ވުރެ ފަހަތުގައެވެ.
ގްލޯބަލް މެނުފެކްޗަރިން އިންޑެކްސްގެ އެއްވަނަ ލިބެނީ ޖަޕާނަށެވެ. ދެވަނަ ސައުތު ކޮރެއާއަށް ލިބޭ އިރު ލިސްޓުގެ ކުރީގައި ދެން ހިމެނެނީ ޖަރުމަނު ވިލާތާއި ސްވިޒަލެންޑެވެ.
ޗައިނާއަކީ ވަރުގަދަ އިގްތިސާދެއްގެ ގޮތުގައި ފާހަގަކޮށްފައިވާ އިރު އިންޑިއާއަކީ ކުރިއަރަމުން އަންނަ އިގްތިސާދެއް ކަމަށް އެ އިންޑެކްސްގައި ވަނީ ބުނެފައެވެ.
އިންޑިއާގެ އުފެއްދުންތެރިކަމުގެ ސިނާއަތު 2016 ވަނަ އަހަރު ނިމުނު އިރު ހުރީ 420 ބިލިއަން ޑޮލަރުގައެވެ. ފާއިތުވި އަހަރުތެރޭ އެ ސިނާއަތް ހަތް ޕަސެންޓް ކުރި އަރާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ބޮޑުވަޒީރު މޯދީގެ "މެކް އިން އިންޑިއާ" އިނީޝިއޭޓިވް އާއެކު އެގައުމުގެ އުފެއްދުންތެރިކަމުގެ ސިނާއަތާއި އިންފްރާސްޓްރަކްޗާއަށް ކުރިއެރުންތައް އަންނަ ކަމަށް ވެސް ހަބަރުތައް ބުނެއެވެ.