24 May 2010, 10:44
14:30
އިދިކޮޅު ފަރާތްތަކާ ނައިބު ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ބައްދަލުކުރައްވަމުން ގެންދަވާ ވާހަކަ އަކީ ސަރުކާރަށް އާ ވާހަކަ އެއް ނޫން ކަމަށާއި އަދި އެކަމަކީ އެމަނިކުފާނުގެ އަމިއްލަ ހައިސިއްޔަތުން ކުރައްވަމުން ގެންދަވާ ކަމެއް ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު މިއަދު ވިދާޅުވީ ނައިބު ރައީސް އިދިކޮޅު ފަރާތްތަކާ ބައްދަލުކުރައްވަމުން ގެންދަވާކަން ސަރުކާރަށް ވެސް އެނގޭ ކަމަށާއި އެގޮތުން އެމަނިކުފާނު ގައުމީ ޕާޓީގެ ލީޑަރު ހަސަން ސައީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީއާ ބައްދަލުކުރެއްވިކަން ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.
އަދި އެމަނިކުފާނު އެކަން ކުރައްވަމުން ގެންދަވަނީ އެމަނިކުފާނުގެ އަމިއްލަ ހައިސިޔަތުން އެމަނިކުފާނުގެ ޕާޓީގެ ފަރާތުން ކަމަށް ވެސް ޒުހެއިރު ވިދާޅުވި އެވެ.
ގުއަންޓަނާމޯބޭ ޖަލުން ދެ ގައިދީއަކު ރާއްޖެ ގެންނަ މައްސަލައާ ގުޅިގެން ޒުހެއިރު ވިދާޅުވީ އެމައްސަލައިގައި ބަންޑާރަ ނައިބުގެ ލަފައަކަށް ރައީސް އެދިވަޑައިގެންފައިވާ ކަމަށާއި އަދި އެކަމުގައި ބަންޑާރަ ނައިބު ލަފާއަރުވާފައި ވަނީ އެކަމުގައި ވިސްނަންޖެހޭ ނުކުތާތަކެއް ހުރި ކަމަށް ބުނެ ކަމަށެވެ. ނަމަވެސް ގުއަންޓަނާމޯބޭ އިން މީހުން ގެނައުމުގައި ހުރަސްތަކެއް ހުރި ކަމަށް ބަންޑާރަ ނައިބު ލަފާ ދެއްވާފައިނުވާ ކަމަށް ވެސް ޒުހެއިރު ވިދާޅުވި އެވެ.
ޒުހެއިރު ވިދާޅުވީ ގާނޫނު މާނަ ކުރެއްވުމުގައި މަޝަހޫރު ގާނޫނީ ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަލްއުސްތާޒު މުހައްމަދު ނަޝީދާއި، ޑރ.މުހައްމަދު ޖަމީލް އަހުމަދާއި އަދި ޑރ.ހަސަން ސައީދު މެންފަދަ ބޭފުޅުންގެ ގާނޫނު މާނަ ކުރައްވާ ގޮތާއި ބަންޑާރަނައިބު މާނަކުރައްވާ ގޮތާއި ތަފާތު ތަކެއް ހުރި ކަމަށް. އަދި އެބޭފުޅުންގެ ގާނޫނީ ލަފައަކީ މާބަރުދަނެއް ހުރި ލަފައެއް ކަމަށް ރައްޔިތުން ބަލައި ނުގަންނަ ކަމަށް ވެސް ޒުހެއިރު ވިދާޅުވި އެވެ.