މޮސްކޯ (ރޮއިޓާސް) – ރަޝިއާގެ ސިޓީއެއް ކަމަށްވާ ޕާމްގެ ސްކޫލެއްގައި ވަޅިން ދިން ހަމަލާއެއްގައި 15 ދަރިވަރަކު ޒަހަމް ކޮށްލައިފި އެވެ.

ރަޝިއާގެ ވެރިރަށް މޮސްކޯގެ އިރުމަތިން ގާތްގަނޑަކަށް އެއްހާސް ކިލޯމީޓަރު ދުރުގައި އޮންނަ ޕާމްގެ ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި، އެ ހާދިސާ ހިނގާފައިވަނީ ދެ ދަރިވަރެއްގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިންނެވެ.

އެ ހާދިސާގައި 15 މީހަކަށް އެކިވަރުގެ ޒަހަމް ވެފައިވާއިރު އޭގެ ތެރެއިން ތިން މީހެއްގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެ އެވެ. އޭގެ ތެރޭގައި ހަމަނުޖެހުން ކޮންޓްރޯލް ކުރަން މަސައްކަތްކުރި އަންހެން ޓީޗަރަކާއި 16 އަހަރުގެ ދެ ދަރިވަރުން ހިމެނެ އެވެ.

އެ މައްސަލަ ރަޝިއާގެ ފުލުހުން ތަހުގީގު ކުރަމުންދަނީ މީހަކު މަރާލަން އުޅުނު މައްސަލައެއްގެ ގޮތުގައެވެ. އަދި މައްސަލައާ ގުޅިގެން 15 އަހަރާއި 16 އަހަރުގެ ދެ ކުއްޖަކު ވަނީ ހައްޔަރު ކޮށްފައެވެ.

މީޑިއާ ތަކުން ރިޕޯޓްކުރާ ގޮތުގައި އެ މައްސަލާގައި ހައްޔަރުކުރި އެއް ދަރިވަރަކީ މީގެ ކުރިން ސިކުނޑި ހަމަނުޖެހިގެން ފަރުވާ ހޯދާފައިވާ ކުއްޖެކެވެ. އަދި އަނެއް ކުއްޖަކީ މަސްތުވާތަކެއްޗާއި ސިކުނޑި ހަމަނުޖެހުމުގެ މައްސަލައެއްގައި ސްކޫލުން ވަކިކޮށްފައި ހުރި ދަރިވަރެކެވެ.