15 Jan 2018, 20:01
ހދ. ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލް ހިންގާ އިންޑިއާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލް (ނިމްސް)އާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަން ފަށައިފިއެވެ.
އެ ކޮމިޝަންގެ ނައިބު ރައީސް މުއައްވިޒު ރަޝީދު މިރޭ "ސަން" އަށް ވިދާޅުވީ ނިމްސް އިން ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކެއް އެ ކޮމިޝަނަށް ވަނީ ހުށަހަޅާފައި ކަމަށެވެ.
"ކޮރަޕްޝަންގެ މައްސަލަތައް އަޅުގަނޑުމެން މިދަނީ ތަހުގީގު ކުރަމުން. އޭގެތެރޭގައި އެބަހުރި އޮޅުވާލުމުގެ ކަންތައްތަކެއް ފާހަގަކޮށްފައި،" މުއައްވިޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އާސަންދަ އަށް ބިލް ހުށަހެޅުމުގައި ނިމްސް އިން އޮޅުވާލައިގެން ބޮޑު އަގުގައި ފައިސާ ނެގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ވެސް އޭގެތެރޭގައި ހިމެނޭ ކަމަށެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގާ އިންޑިއާ ކުންފުނީގެ ދިވެހި ހިއްސާދާރުންނާއި އިންޑިއާ ހިއްސާދާރުންނާ ދެމެދު މައްސަލަ ޖެހިފައިވަނިކޮށް ހެލްތު މިނިސްޓްރީން ވަނީ 10 ދުވަހުގެ ތެރޭގައި އެ މައްސަލަތައް ހައްލުކުރަން އަންގާފައެވެ.
އެގޮތަށް އެންގުމުން އިއްޔެ އެ ކުންފުނިން ވަނީ މައްސަލަތައް ހައްލުކޮށްފައިވާ ކަމަށް ބުނެ ސިޓީއަކުން އެކަން ހެލްތު މިނިސްޓްރީއަށް އަންގާފައެވެ. ނަމަވެސް އޭގެފަހުން ވެސް އިތުރު މައްސަލަތައް އަންނަނީ ފެންމަތިވަމުންނެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގާ ނިމްސްގެ މެނޭޖިން ޑިރެކްޓަރު ފައިޒަލް ޚާނަށް ބޮޑެތި ތުހުމަތުތަކެއް ކުރުމަށްފަހު ދާދިފަހުން އެ ހޮސްޕިޓަލްގެ ސީއީއޯ ޑރ. ކަމަލް ޖޯޖު ވެސް ވަނީ އިސްތިއުފާދެއްވާފައެވެ.