ނ. ހެނބަދޫ އަންހެނެއްގެ ބަނޑަށް ދަރިފުޅު މަރުވި މައްސަލަ އެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

އެ އަންހެންމީހާ ޑޮކްޓަރަށް ދައްކަމުން ގޮސްފައިވަނީ ޅ. ނައިފަރުގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށެވެ. އަންހެންމީހާ އަކީ ނައިފަރު މީހަކާ ކައިވެނިކޮށްގެން އެ ރަށުގައި ދިރިއުޅެމުންދާ މީހެކެވެ.

ބަނޑަށް ދަރިފުޅު މަރުވި މައްސަލައާ ގުޅިގެން ދަރިފުޅުގެ ބައްޕަ ބުނީ ދަރިފުޅު މަރުވީ ނައިފަރު ހޮސްޕިޓަލުގެ އިހުމާލުން ކަމަށެވެ. އެގޮތުން ކުއްޖާ ވިންދު ނުޖަހާތީ ދެއްކުމުންވެސް މައްސަލައެއް ނެތް ކަމަށް ބުނިކަމަށާއި ފަހުން އެމަޖެންސީގައި މާލެ ދިޔުމަށް ހޮސްޕިޓަލުން ބުނިކަމަށް އޭނާ ބުންޏެވެ.

އޮޕަރޭޝަންކޮށްގެން އިއްޔެ ދަރިފުޅު ނަގާފައިވާ ކަމަށާއި އޮޕަރޭޝަން ކުރަން ވެއްދި ތަނާ ފުލުހުންވެސް އެތަނުގައި ހަރަކާތްތެރިވިކަމަށް ކުއްޖާގެ ބައްޕަ މިއަދު "ސަން" އަށް ބުންޏެވެ.

ކުއްޖާ ނަގާފައިވަނީ ބަނޑުތެރެއަށް މަރުވެފައި އޮތްތާ ހަފްތާއެއް ފަހުންނެވެ.

ޅ. އަތޮޅު ހޮސްޕިޓަލުން ހުކުރު ދުވަހު "ސަން" އަށް ބުނީ އެކަމާ ގުޅޭ މައުލޫމާތު ދެވޭނީ ޑޮކްޓަރާ މަޝްވަރާކުރުމަށް ފަހު ކަމަށެވެ.