ޗެލްސީގެ ފޯވާޑް ލައިން ވަރުގަދަކުރުމަށް ތިން ކުޅުންތެރިންއަކަށް ފާރަލާން ފަށަފިއެވެ.

ގޯލް.ކޮމްއިން ޗެލްސީއަށް ކަނޑައަޅާފައިވާ ކަރެސްޕޮންޑެންޓް ނިޒާރު ކިންސެއްލާ ރިޕޯޓް ކޮށްފައިވަނީ ޗެލްސީން ފާރަލަމުންދާ ތިން ކުޅުންތެރިންނަކީ ވެސްޓްހަމްގެ އެންޑީ ކެރޮލްއާއި ވަޓްފޯޑަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފީލްޑަރު ރިޗާލްސަން އަދި ޗެލްސީން ކުރިންވެސް ފެނިގެންގޮސްފައިވާ އެޑިން ހަޒާޑްގެ ކޮއްކޮ ތޯގަން ހަޒާޑަށް ކަމަށެވެ.

މިހިނގާ ފިނި މޫސުމުގައި ޓްރާންސްފައިގައި ޗެލްސީގެ އެންމެ ބޮޑު ޓާގެޓަކަށް މިހާރު ހަދާފައިވަނީ ވެސްޓްހަމްގެ އިނގިރޭސި ފޯވާޑް އެންޑީ ކެރޮލްއެވެ. ގޯލް.ކޮމްއިން ބުނާގޮތުން ޗެލްސީން އޭނާ ގެންނަން ބޭނުންވަނީ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ.

ވޭތުވެދިޔަ ސީޒަންގައި ޗެލްސީގެ ސެންޓާ ފޯވާޑަށް ކުޅުނު ޑިއޭގޯ ކޮސްޓާވަނީ ސީޒަނަށް ނިންމުމަށްފަހު ޗެލްސީ ދޫކޮށްލާފައެވެ. އޭނާ ނެތްތައް ފޫބައްދަން މި ސީޒަންގައި ޗެލްސީން ގެނެސްފައިވަނީ ސްޕެއިންގެ ފޯވާޑް އަލްވާރޯ މޮރާޓާއެވެ. ސީޒަންގެ ކުރީ ކޮޅުގައި މޮރާޓާގެ ފަރާތުން ގިނަ ގޯލްތަކެއް ފެނިގެން ދިޔަނަމަވެސް އެންމެ ފަހުން ޗެލްސީން ކުޅުނު ފަސް މެޗުގައިވެސް އޭނާއަށް ގޯލެއް ޖެހިފައެއް ނުވެއެވެ.

ކެރޮލްގެ އިތުރުން ޗެލްސީން ދެން ބޭނުންވާ ރިޗާލްސަން ޖެނުއަރީގައި ނުލިބޭނެ ކަމަށް އޭނާގެ ޖުއިލިއާނޯ ބާޓަލޮއުސީވަނީ ބުނެފައެވެ. ނަމަވެސް ޗެލްސީންވަނީ އަންނަ ހޫނު މޫސުމުގެ ޓްރާންސްފައިގައިވެސް ރިޗާލްސަން ގެންދަން ބޭނުންވާ ކަމަށް ބުނެފައެވެ. ރިޗާލްސަން އަންނަނީ މި ސީޒަންގައި ވަޓްފޯޑާއެކު މޮޅު ކުޅުމެއް ދައްކަމުންނެވެ.

ރިޗާލްސަންއާއި ކެރޮލްގެ އިތުރުން ދެން ޗެލްސީން ބަލަމުންދާ ކުޅުންތެރިޔަކީ އެޓީމަށް ކުޅެމުންދާ ބެލްޖިއަމް ތަރި އެޑިން ހަޒާޑްގެ ކޮއްކޮ ތޯގަން ހަޒާޑެވެ. މީގެ ކުރިން 2012 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާއި ހަމައަށް ޗެލްސީގެ ކޮންޓްރެކްޓްގައި ހުރި ތޯގަން ހަޒާޑް އޭނާގެ ޗެލްސީ ކެރިއަރު އެއްކޮށް ހޭދަކޮށްފައިވަނީ ލޯންގައެވެ. ނަމަވެސް މިވަގުތު އޭނާ ހުރީ އެންމެފަހުން ލޯންގައި ހޭދަކުރި ބުރޫޝިއާ މޮންޗެންގްލެޑްބެޗުގެ ދާއިމީ ކޮންޓްރެކްޓެއްގައެވެ.

ތޯގަން ހަޒާޑްވަނީ ބުރޫޝިއާ މޮންޗެސްންގްލެޑްބެޗަށް ކުޅެދިން 69 މެޗުން 16 ގޯލް ޖަހައިދީފައެވެ. މީގެ އިތުރުންވެސް އޭނާއަކީ ބެލްޖިއަމްގެ ގައުމީ ޓީމުންވެސް ޖާގަ ހޯދަމުން އަންނަ ކުޅުންތެރިއެކެވެ.

މި ހިނގަމުންދާ ޓްރާންސްފާ ސީޒަންގައި ޗެލްސީންވަނީ އެވަޓަންގެ ރޮސް ބާކްލޭ އެޓީމަށް ގެނެސްފައެވެ. ނަމަވެސް ޗެލްސީއަށް މި ސީޒަންގައި އެންމެ ބޮޑު މައްސަލައަކަށް ދިމާވެފައިވާ ގޯލް ޖެހުމުގެ މައްސަލަ ހައްލު ކުރުމަށް އެޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭއަށްވަނީ މަސައްކަތްތަކެއް ކުރަން ޖެހިފައެވެ.