ސައުދީ ސަރުކާރުގެ އެހީގައި 36 ޓީޗަރަކު ރާއްޖެ އައުމަށް ހަމަޖެހިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފިއެވެ.

އެމިނިސްޓްރީ އިން ބުނީ މި ޓީޗަރުުންނަކީ ރާއްޖޭގައި އަރަބި ތައުލީމް ފުޅާކުރުމަށް ސައޫދީ ސަރުކާރުން ވެދޭ އެހީގެ ދަށުން ފޮނުވާ ޓީޗަރުން ކަމަށެވެ.

މި 36 ޓީޗަރުންގެ ތެރެއިން 18 ޓީޗަރުން މިހާރު ރާއްޖެ އައިސްފައިވާއިރު އެ ޓީޗަރުންނާ އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު ޝިހާމް މިއަދު ވަނީ ބައްދަލު ކުރައްވައިފައެވެ.

މި ބައްދަލު ކުރެއްވުމުގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ 65 ސްކޫލެއްގައި އަރަބި ބަސް ކިޔަވައިދޭ ކަމަށާއި ތައުލީމީ ދާއިރާއަށް ގެންނަ ޒަމާނީ ބަދަލުތައް ގެނައުމަށް މަސައްކަތް ކުރަނީ އިސްލާމި އަގީދާގެ ތެރެއިން ކަމަށެވެ.

ރާއްޖޭގެ ތައުލީމީދާއިރާ އަށް ސައުދީ ސަރުކާރުން ދޭ އެހީތެރިކަމަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވައިފައެވެ. މި ޓީޗަރުންނަކީ އަރަބި ބަސް ކިޔަވައިދެއްވާ ޓީޗަރުންނެވެ. މާލެއާއި ރަށްރަށުގެ ސްކޫލުތަކުގައި މި ޓީޗަރުން މަސައްކަތް ކުރައްވާނެއެވެ.