15 Aug 2011, 12:53
ނުރައްކާތެރި ހަތިޔާރު ހިފައިގެން މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ދެ މީހަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ބަޔަކު ހަތިޔާރު ހިފައިގެން މާރާމާރީ ހިންގަން އުޅުނު ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން އެ ފަރާތްތައް ހޯދުމަށް ފުލުހުން ކުރި މަސައްކަތުން ދެ މީހަކު ފެނިފައި ވަނީ އެ ރޭ ދަންވަރު 2:45 ހާއިރު ސްކޫޕް ގޯޅި ތެރެއިން ސައިކަލެއްގައި ދަނިކޮށް ކަމަށެވެ.
އެ ދެ މީހުން ހުއްޓުވަން މަސައްކަތް ކުރުމުން ފުލުހުންނަށް ނުކިޔަމަންތެރިކަން ދެއްކުމުން އެމީހުން ދުއްވި ސައިކަލް ވައްޓާލައި ދެ މީހުން ހައްޔަރު ކުރި ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ދެ މީހުންގެ ތެރެއިން ސައިކަލްގެ ފަހަތުގައި އިން މީހާ އަތުން އެއް ފޫޓްގެ ބެނެޓް ވަޅިއެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ.