އަންކާރާ ( 15 ޖެނުއަރީ): ތުރުކީގެ ބޯޓެއް ރަންވޭ މަތިން ކައްސާލައިގެން މޫދަށް ނުވެއްޓި ސަލާމަތްވެއްޖެއެވެ.

ތުރުކީގެ ވެރިރަށް އަންކާރާއިން ޓްރަބްޒޮން އަށް ފަސެންޖަރުން އުފުލައިގެން އިއްޔެ ދަތުރުކުރި ބޮއެން 737-800 ގެ ބޯޓު ރަންވޭ މަތިން ކައްސާލައިގެން މޫދަށް ނުވެއްޓި އޮތީ ރަންވޭއާ ކަނޑާ ދެމެދު އިންޗަކަ ބިންގަޑެއްގެ މަތީ ޖެހި ހުއްޓުމުންނެވެ. އެއަށްވުރެ ކުޑަ ތަންކޮޅަކަށް ބޯޓު ދުވި ނަމަވެސް ބޯޓު ވެއްޓުނީހީ ހަމަ ކަނޑަށެވެ.

ބޯޓުން ދަތުރުކުރި 162 ފަސެންޖަރުންވެސް ތިބީ ވަރަށް ބޮޑަށް ބިރުންނެވެ. ތުރުކީގެ އެއާލައިން އިން ފަހުން ބުނިގޮތުގައި އެ ބޯޓުން ދަތުރުކުރި އެންމެންވެސް ހާލު ރަނގަޅެވެ.

"އަހަރުމެން ތިބީ މުޅިން އެއްފަރާތަކަށް ޖެހިފައި. ބޯޓުގެ ކުރީ ކޮޅު އޮތީ ބިންމައްޗަށް ވެއްޓިފައި. މީހުންތައް ތިބީ ބިރުން ހަދާނެ ގޮތެއް ނޭނގިގެން. މީހުންތައް ހަމަ ހަޅޭލަވަނީ. ބޯޓުގައި ތިބި މާބަނޑު މީހުންވެސް " ބޯޓުން ދަތުރުކުރި ފަސެންޖަރެއް ކަމަށްވާ ފާތުމާ ބުންޏެވެ.

ބޯޓު ޖެއްސި ތުރުކީގެ ޓްރަބްޒޯން ސިޓީގެ ގަވަނަރު ބުނީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.

މަސްދަރު: އޭބީސީ ނިއުސް