ރާއްޖޭން ބޭރުގައި ކުރާ ހަނގުރާމަތަކުގައި ބައިވެރިވާން ދިޔަ މީހުންގެ އަދަދު 61 އަށް އިތުރުވެފައިވާ ކަމަށް ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އިން މިއަދު ބުނެފި އެވެ.

މީގެ ކުރިން ހަނގުރާމައަށް ރާއްޖޭން ބޭރަށް ދިޔަ މީހުންގެ އަދަދަކީ 49 ކަމަށް އެންސީޓީސީ އިން މިދިއަ އަހަރު ވަނީ ބުނެފަ އެވެ.

މިއަދު ކޯސްޓްގާޑް ބިލްޑިންގްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ މިހާތަނަށް ރާއްޖޭން ބޭރަށް ދިޔަ މީހުންގެ އަދަދަކީ 61 ކަމަށެވެ. އަދި ހަނގުރާމައަށް ދާން އުޅެނިކޮށް 68 މީހަކު ހިފަހައްޓާފައިވާނެ ކަމަށް މިނިސްޓަރު ޝަރީފު ވިދާޅުވި އެވެ.

ސީރިއާގެ އިތުރަށް ދެން ހަނގުރާމަ އަށް ދަނީ ކޮންތަންތަނަކަށް ކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.

ހަނގުރާމައަށް ދިޔަ މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނޭ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. އޭގެ ތެރޭގައި ނުވަ ކުޑަކުދިން ހިމެނޭ ކަމަށް ވެސް ވިދާޅުވި އެވެ.

"މީގެ ތެރޭން ނުވަ ކުޑަކުދިންނަކީ އާއިލާތަކާ އެކުގައި ގެންދަން މަސައްކަތް ކުރެވިފައިވާ ކުދިން. އަޅުގަނޑުމެންނަށް 12 މީހުން ހުއްޓުވުނީ ތުރުކީން. ތޭރަ މީހަކު އެހެން ބައެއް ގައުމުތަކުން ވެސް ހުއްޓުވުނު. އަދި 21 މީހަކު މާލޭން ފުރައިގެން ދާން އުޅެނިކޮށް ހުއްޓުވުނު،" މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި އެވެ.

ފުރައިގެން ދާން އުޅެނިކޮށް ހިފެހެއްޓި މީހުންނާއި އެކި ގައުމުތަކުން ހިފެހެއްޓި މީހުންގެ މައްސަލަ ވެސް ތަހުގީގު ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އޭގެ ތެރެއިން ހަތް މައްސަލައެއް މިހާރު ނިމިފައިވާ ކަމަށް ވިދާޅުވި އެވެ.

ހަނގުރާމައަށް ދާ ކުޑަކުދިންނާއި އަންހެނުންގެ މައްސަލަތައް ވެސް އެހެން މައްސަލަތަކެކޭ އެއްގޮތަށް ތަހުގީގު ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް އެމީހުން ފުރައިގެން ދަނީ ސީދާ ރާއްޖެ މަގުން ސީރިއާއަށް ކަމަށް ނުވާތީ އެހެން ގައުމުތަކުން ހިފަހައްޓައިގެން ރާއްޖެ ގެނެވޭ މީހުންގެ މައްސަލަތައް ތަހުގީގުގައި ސާބިތު ކުރަން އުނދަގޫ ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

އޭގެ އިތުރުން ސޯޝިއަލް މީޑީއާގައި ދީނީ ހައްދު ފަހަނައަޅާ ދިއުމާ ބެހޭ ގޮތުން ވާހަކަ ދައްކާ މީހުން ވިސްނުމަށް މިނިސްޓަރު އިލްތިމާސްކުރެއްވި އެވެ.

ދެހާސް ހަތް ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮންގޮއްވި ހަމަލާއަށް ފަހު ޓެރަރިޒަމްގެ ހަމަލާ ރާއްޖޭގައި ހިނގާފައި ނެތްކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ ދީނީ ހައްދުފަހަނައަޅާ ދިއުމުގެ މައްސަލަތައް އިތުރުވަމުންދާ ކަން ފާހަގަކުރެވިފައި ނެތް ކަމަށެވެ.