ޕީޕީއެމުން ވަކިކޮށްފައިވަނިކޮށް މިދިޔަ އަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހު މޫކައި ސުއިޓްސްގައި ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ތަމްސީލްކުރެއްވީ ޕީޕީއެމް ކަމަށް ދައުލަތުން ހުށަހެޅި ދެ ހެކިން ބުނެފި އެވެ.

މިއަދު ހެނދުނު ބޭއްވި ސަރީއަތުގެ މަޖިލީހުގައި އެ ދެ ހެކިންގެ ހެކިބަސް ވެސް ނަގާފައި ވަނީ ސިއްރުންނެވެ. ފާރީސްގެ ވަކީލް މައުމޫން ހަމީދު ވިދާޅުވީ އިބްތިދާއީ އަޑުއެހުމުގައި ދައުލަތުން ސިއްރުން ހެކިބަސް ނަގަން ހުށަހަޅާފައިނުވާ ކަމަށާއި އެހެންކަމުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ސިއްރުން ހެކިބަސް ނުނެގޭނެ ކަމަށެވެ.

ދައުލަތުން އެ ދެ ހެކިން ސިއްރު ކުރުމަށް އެދުނީ، ސިއްރުން ހެކިބަސް ނުނަގައިފި ނަމަ އެ ދެ މީހުންގެ ވަޒީފާ ގެއްލި އިގްތިޞާދީ ބޮޑު ގެއްލުމެއް އެ ދެމީހުންނަށް ލިބިދާނެތީ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.

ފާރިސްގެ ވަކީލް މައުމޫން ހަމީދު ވަނީ އެ ދެމީހުނަށް ފާރިސްގެ ފަރާތުން އިގްތިސާދީ ގެއްލުމެއް ލިބޭނީ ކޮން ގޮތަކުންތޯ ސުވާލު އުފައްދައިފަ އެވެ.

ގުޅިފައިވާ ޕާޓީތަކުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ފާރިސް(ކ-3) -- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހު

ނަމަވެސް ގާޒީ ވިދާޅުވީ މިއަދު ހެކިބަސް ނެގުމަށް ނިންމާފައި ވަނީ ސިއްރުން ކަމަށާއި އަދި ފާރިސްގެ ފަރާތުން އެގޮތަށް ހުށަހެޅުމުން ފަހުން ގޮތެއް ނިންމާނެ ކަމަށެވެ.

އޯޑިއޯ މެދުވެރިކޮށް ސިއްރުން ހެކިބަސް ދެމުން ދެ މީހުން ވެސް ބުނެފައި ވަނީ އެ ޕްރެސްގައި ފާރިސް ތަމްސީލްކޮށްފައި ވަނީ ޕީޕީއެމް ކަމަށާއި އަދި ފާރިސް އިންނެވީ ޕީޕީއެމް ދިދައިގެ ފަހަތުގައި ކަމަށެވެ.

ނަމަވެސް ފާރިސްގެ ވަކީލް މައުމޫން ހަމީދު ސުވާލުކުރެއްވުމުން ދެ ހެކިވެރިންނަށް ވަނީ ޕީޕީއެމްގެ ދިދަ އިންނަ ގޮތް އެއް ގޮތަކަށް ކިޔައިނުދެވިފަ އެވެ. އެއް ހެކިވެރިޔާ ބުނީ ޕީޕީއެމްގެ ދިދައިގައި ވަނީ ހުދު ގަހަކާއި ހަނދުފަޅިއެއް ކަމަށެވެ. އަދި އަނެއް ހެކިވެރިޔާ ވަނީ ދިދަ އިންނަ ގޮތް މިހާރު ހަނދާން ނެތް ކަމަށާއި ފެނުމުން އެނގޭނެ ކަމަށް ބުނެފަ އެވެ.

އަދި ފާރިސް އެ ބައްދަލުވުމުގައި ދެއްކީ ކޮން ވާހަކައެއް ކަން ވެސް ދެ ހެކިވެރިންނަށް ހަނދާން ނެތް ކަމަށް ވަނީ ބުނެފަ އެވެ.

ދެން އޮންނަ ޝަރީއަތުގެ އަޑުއެހުމެއްގައި އޮންނާނީ ފާރިސްގެ ފަރާތުން ހުށަހަޅާފައިވާ 47 ހެކިންގެ ތެރެއިން ހެކިބަސް ނަގާނެ މީހުންނާ މެދު ގޮތެއް ނިންމުން ކަން މިއަދުގެ ޝަރީއަތް ނިންމާލައްވަމުން ގާޒީ ވިދާޅުވި އެވެ.