15 Aug 2011, 12:17
އުމުރުން 35 އަހަރުން މަތީގެ މީހުންނަށް އަމާޒުކޮށްގެން އެފްއޭއެމް އިން ބާއްވަމުން އަންނަ ވެޓަރަންސް ކަޕް ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗް ޗެމްޕިއަން ވެލެންސިޔާ އިން ކާމިޔާބުކޮށްފި އެވެ.
ޓާފް އެއް ނަންބަރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މިމެޗް ވެލެންސިޔާ އިން ކާމިޔާބު ކުރީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ބައްދަލުކޮށް 1-0 ލަނޑުން ނެވެ.
ދެ ޓީމުންކުރެ ޓީމަކަށް މެޗްގެ ފުރަތަމަ ހާފްގައި ގޯލް ހުޅުވާނުލެވުމުން ފުރަތަމަ ހާފް ނިމިގެންދިޔައީ 0-0 ންނެވެ.
ދެވަނަ ހާފަށް ދެ ޓީމް ނުކުތްތާ މާގިނައިރުތަކެއް ނުވަނީސް ވެލެންސިޔާގެ ފޯވާޑް ވިލްދާނަށް ދެ ވަނަ ރީނދޫކާޑެއް ދެއްކުމުގެ ސަބަބުން ރަތްކާޑެއް ލިބިގެންދިޔަ އެވެ. އެހެންކަމުން ދެވަނަ ހާފްގެ ބާކީބައި ވެލެންސިޔާ އިން ކުޅެންޖެހުނީ 10 ކުޅުންތެރިންނާ އެކު އެވެ.
މެޗްގެ 62 ވަނަ މިނެޓްގައި ނިއުރޭޑިއަންޓްގެ ހާފްގެ މެދެއްހާހިސާބުން ވެލެންސިޔާއަށް ލިބުނު ހިލޭ ޖެހުމެއް ނިއުރޭޑިއަންޓްގެ ގޯލްގެތެރެއަށް ވައްދާލާ ވެލެންސިޔާ އިން ފުރަތަމަ ލަނޑުޖަހައި ތަށި ދިފާޢުކުރުމުގެ އުންމީދު ބޮޑުކުރި އެވެ. މިލަނޑު ވެލެންސިޔާ އަށް ކާމިޔާބުކޮށްދިނީ މުޙައްމަދު އިބްރާހިމް އެވެ. މިމެޗްގެ ފުރިހަމަ ވަގުތި ހަމަވީ 1-0 ން ވެލެންސިޔާ ކުރީގައި އޮވެގެންނެވެ.
މުބާރާތުގެ ދެ ވަނަ ބުރުގައި ލީގު އުސޫލުން ފަސް ޓީމު ކުޅެ ސެމީ ފައިނަލަށް ދާނީ ގަދަ ހަތަރު ޓީމެވެ. އެގޮތުން މި ބުރުގައި ކޮންމެ ޓީމެއް ވެސް ކޮންމެ ޓީމަކާއި ބައްދަލުކުރަން ޖެހޭނެ އެވެ. މިބުރުން އެންމެ ރަނގަޅު ދެ ޓީމު ސެމީފައިނަލް ފައިނަލްގެ ފުރަތަމަ މެޗްގައި ބައްދަލުކުރާ އިރު، މިމެޗުން ބަލިވާ ޓީމް ތިން ވަނަ އަދި ހަތަރު ވަނަ ޓީމް ބައްދަލުކުރާމެޗުން މޮޅުވާ ބަޔަކާއި ސެމީފައިނަލް ދެވަނަ މެޗުގައި ބައްދަލުކުރާނެ އެވެ.
މިމުބާރާތުގައި މިއަދު ބައްދަލުކުރާނީ މާޒިޔާއާއި ވީބީ ސްޕޯޓްސް ކްލަބެވެ. މެޗް ފެށުމަށް ހަމަޖަޖެހިފައި ވަނީ ހަވީރު 16:40 ގަ އެވެ.