15 Jan 2018, 15:54
ތައުލީމް ހާސިލު ކުރަން ބޭނުންވާ ދަރިވަރުންނަށް ސްކޮލާޝިޕް ދިނުމަށް ޒަކާތު ފަންޑުން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވެއްޖެ އެވެ.
ޒަކާތު ފަންޑުގެ އެހީގައި މި އަހަރު ބޯންމެރޯ ހެދުމުގެ ފުރުސަތު ލިބިފައިވާ ކުދިންނަށް ލިޔުން ހަވާލު ކުރުމަށް މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ ޒަކާތު ފަންޑުން ސްކޮލާޝިޕް ދިނުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ކުރަމުން އަންނަ ކަމަށެވެ.
ޒިޔާދު ވިދާޅުވީ މަސް ދުވަހުގެ ތެރޭގައި ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.
"ޒަކާތު ފަންޑަކީ އާންމުންނަށް އެތަކެއް އެހީތަކެއް ދެމުން އަންނަ ފަންޑެއް. އެ ގޮތުން ތައުލީމީ ދާއިރާ އިން ސްކޮލާޝިޕް ދޭން މިވަނީ ތައްޔާރުވެފައި. ޒަކާތުގެ ސްކޮލަޝިޕް ކިޔަވަން ބޭނުންވާ ކުދިނަށް އެ ފުރުސަތު ހުޅުވާލާނަން. ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި މަސައްކަތް ފެށިގެންދާނެ،" އޭނާ ވިދާޅުވި އެވެ.
މުދަލު ޒަކާތް ދެއްކުމުގެ ނަތީޖާ މިއަދު މުޖުތަމައު އަށް ފެންނަ ކަމަށާއި އެ ފަންޑުން ރައްޔިތުންނަށް ހިދުމަތް ލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.