15 Jan 2018, 14:59
ތަޖުރިިބާކާރު މިޑްފީލްޑަރު އަހުމަދު ނިޔާޒް (ނިޔާ) ކްލަބު ގްރީން ސްޓްރީޓްސްއާ ގުޅިއްޖެއެވެ.
މިދިޔަ ސީޒަންގެ މާލޭ ލީގުގައި ވިކްޓަރީ ސްޕޯޓްސް ކްލަބަށް ކުޅުނު ނިޔާ، ދިވެހި ޕްރިމިއާ ލީގުގައި ކުޅެފައިވަނީ ގދ. ތިނަދުއަށެވެ. ކުރިން ކްލަބު ވެލެންސިއާ އަދި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށްވެސް ކުޅުނު ނިޔާއަކީ މިވަގުތު ރާއްޖޭގައި ކުޅެމުންދާ އެންމެ ތަޖުރިބާކާރު އެއް މިޑްފީލްޑަރެވެ.
ރާއްޖޭގެ ޓްރާންސްފާ މާކެޓް ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައި ރޭ މާޒިޔާއިން އިސްމާއީލް އީސަ (މެސީ)ގެ ކޮންޓްރެކްޓް އައުކުރި އިރު، އެ ކްލަބާއެކު އަސްހަދު އަލީ (އަޑުބަރޭ) ހަދާފައިވާ ކޮންޓްރެކްޓް އައު ނުކުރުމުން މީސް މީޑިއާގައި ވަނީ އޭނާގެ 'ރޫމާސް"ތައް ގިނަވެފައެވެ.
ގިނަ ބަޔަކު ބުނާގޮތުން އަންނަ ސީޒަންގައި މާޒިޔާއިން އަޑުބަރޭ ނުފެންނާނެއެވެ. އެހެންކަމަށް ވާނަމަ، ހަމަ ޔަގީނުންވެސް އަޑުބަރޭ ވެގެންދާނީ ރާއްޖޭގެ ޓްރާންސްފާ މާކެޓްގައި އެންމެ ގިނަ ކްލަބުތަކަކުން ލޯއަޅާނެ ކުޅުންތެރިޔާއަށެވެ. އަންނަ ސީޒަނަށް ހުރިހާ ކްލަބަކުންވެސް ކުޅުންތެރިން ހޯދަމުންދާ އިރު، ގްރީން ސްޓްރީޓްސްއިން އަޑުބަރޭ ފެނުން ގާތްކަމަށްވެސް އަޑު ފެތުރިފައިވެއެވެ.
މިއަހަރުގެ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ގްރީންއިން ވަނީ ނިޔާގެ އިތުރުން ކުރިން އީގަލްސްއަށް ކުޅުނު، ހަސަން އަބްދުﷲ (އުޗީ)އާއި ނިމިގެންދިޔަ ދިވެހި ޕްރިމިއާ ލީގުގައި ތިނަދޫ ޓީމަށް ކުޅުނު މުހައްމަދު ރިސްވާން (ފުކޭ)ވެސް އެޓީމަށް ގެނެސްފައެވެ.
މިއަހަރުގެ ސީޒަންގައި ގްރީން ސްޓްރީޓްސްއަށް އިރުޝާދު ދޭނީ ތަޖުރިބާކާރު ކޯޗު އަލީ ސުޒޭންއެވެ.