ލިވަޕޫލްގެ މުހައްމަދު ސަލާހު މިހާރު ހުރި ފޯމުގައި މެސީއާއި ރޮނާލްޑޯއަށް ވުރެ ވެސް އޭނާ މޮޅު ކަމަށް ލިވަޕޫލްގެ ލެޖެންޑު އިއާން ރަޝް ބުނެފިއެވެ.

އިއާން ރަޝް ފާހަގަކުރެވެނީ ސަލާހުގެ ކުޅުމަށް ވަރަށް ބޮޑަށް ގަޔާވާ މީހެއްގެ ގޮތުގައެވެ. އެގޮތުން ރެއާލް މެޑްރިޑުން ސަލާހު ގެންދަން މަސައްކަތްކުރާކަމުގެ ވާހަކައާ ގުޅިގެން ވެސް އޭނާ ބުނީ ސަލާހުގެ އަގަކީ މަދުވެގެން 200 މިލިއަން ޕައުންޑު ކަމަށެވެ. ރަޝް އެހެން ބުނިތާ މާގިނަ ދުވަސްތަކެއް ނުވެ އަނެއްކާވެސް އޭނާ މިވަނީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ކުޅުންތެރިންނާ ސަލާހު ހަމަހަމަކޮށްފައެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލްއިން މެންޗެސްޓާ ސިޓީ ބަލިކުރި އިރު، މެޗުން މޮޅުވުމުގައި ސަލާހުގެ ހިއްސާ ބޮޑެވެ.

ސަލާހު މިހާރު ހުރި ފޯމާ ގުޅޭގޮތުން ރަޝް ބުނީ، ރެއާލް މެޑްރިޑާއި ދުނިޔޭގެ އެހެންވެސް ބޮޑެތި ކުލަބުތަކުން ސަލާހު ހޯދަން މަސައްކަތް ނުކުރަންވީ ސަބަބެއް ނެތް ކަމަށެވެ.

މިހާރުގެ ޓްރާންސްފާ މާކެޓުގެ އަގުތަކަށް ބަލާއިރު 200 މިލިއަން ޕައުންޑު ނޫނީ އެއަށް ވުރެ ވެސް އިތުރު އަދަދެއްގެ ހުށަހެޅުންތަކެއް ސަލާހަށް ލިބުނު ނަމަވެސް ލިވަޕޫލްއިން ކައިރި މުސްތަގުބަލެއްގައި ލީގު ހޯދަން ބޭނުންވާނަމަ ސަލާހު ފަދަ ކުޅުންތެރިން ޓީމުގައި މަޑުކުރުވަން ޖެހޭ ކަމަށްވެސް ރަޝް ބުންޏެވެ.

ސަލާހުގެ ކުޅުމަށް އަބަދުވެސް ތާއީދު ކުރަމުންދާ ރަޝް އިތުރަށް ބުނީ މިހާރު ސަލާހު ހުރި ފޯމުގައި އޭނާއަކީ މެސީއާއި ރޮނާލްޑޯއަށް ވުރެ ވެސް މޮޅު ކުޅުންތެރިއެއް ކަމަށެވެ. އަދި ސަލާހަކީ އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހާސިލްކޮށްފައިވާ ކުޅުންތެރިއެއް ކަމަށާއި، ޔޫރަޕުގައި އެފްރިކާގެ ގިނަ ކުޅުންތެރިންތަކެއް ކުޅެމުންދާއިރު އެއީ ހާސިލްކުރަން އުނދަގޫ މަގާމެއް ކަމަށްވެސް ރަޝް ބުންޏެވެ.

ރޯމާއިން ލިވަޕޫލަށް ބަދަލުވި މުހައްމަދު ސަލާހަށް ނިމިގެންދިޔަ އަހަރަކީ ކާމިޔާބު އަހަރެކެވެ. ގިނަ ޒަމާންތަކަކަށްފަހު ވޯލްޑް ކަޕަށް މިސްރު ކޮލިފައިކޮށްދިނުމުގައި ވެސް މުހިންމު ރޯލެއް އަދާކުރި ސަލާހު ވަނީ ކްލަބު ކެރިއަރުގައި ލިވަޕޫލަށް ކުޅެދިން 32 މެޗުން 25 ގޯލް ޖަހައިދީފައެވެ.