15 Jan 2018, 15:06
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރެއްގައި 25 ކުއްޖަކު ބޯންމެރޯ ހެދުމަށް ފޮނުވައިދެއްވާނެކަމަށް ވިދާޅުވެ، ވެވަޑައިގެންނެވި ވައުދުފުޅު އެ މަނިކުފާނު މިއަދު ދެ ގުނައަށް ފުރިހަމަ ކޮށްދެއްވައިފި ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ޒަކާތު ފަންޑުގެ އެހީގައި ހަމަޖެއްސިކަމުގެ ލިޔުން ހަވާލުކުރުމަށް މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، ރައީސްގެ ވައުދުފުޅު ފުރިހަމަކޮށްދެއްވުމުން އެކަމާ ރައްޔިތުން އުފާކުރަންޖެހޭ ކަމަށެވެ.
"ރައީސް ވިދާޅުވީ [އެމަނިކުފާނުގެ ސަރުކާރުގެ ތެރޭގައި] 25 ކުދިންނަށް ކުދިންނަށް ބޯންމެރޯ ހެދުމުގެ ފުރުސަތު ހޯދައިދޭނެކަމަށް. ނަމަވެސް މިއަދު މި ފެންނަނީ އެ އަދަދަށް ވުރެ ދެ ގުނައިގެ މަތީ އަދަދެއް. ރައީސް މިވަނީ މި ވައުދު ވަރަށް ފުރިހަމައަށް ފުރިހަމަކޮށްދެއްވާފައި،" އޭނާ ވިދާޅުވިއެވެ.
ވޭތުވެދިޔަ ހަތަރު އަހަރަކީ ސިއްހީ ދާއިރާއަށް ބޮޑެތި ކުރިއެރުމެއް ލިބިދިޔަ ހަތަރު އަހަރު ކަމަށާއި ތެލެސީމިއާ ކުދިންނަށް އޮތް ހަމައެކަނި ދާއިމީ ފަރުވާ، ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް މިއަހަރު 32 ކުއްޖަކު ފޮނުވާ އިރު، އެ ފަރުވާ ލިބިގަންނަ ކުދިންގެ އަދަދު 55 އަށް އަރާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ބޯންމެރޯ ހެދުމަކީ ވަރަށް ބޮޑެތި ހޭދައެއް ހިނގާ ކަމަކަށްވެފައި، އެކަން މިއަދު ދައުލަތުން ކޮށްދޭއިރު އެކަމަށް ޝުކުރުވެރިވާން ޖެހޭނެކަމަށެވެ.
"މިއަދު މިއީ ވަރަށް އުފާވެރި ދުވަހެއް. ބެލެނިވެރިންނަށް ވެސް ކުދިންނަށް ވެސް އަދި ސަރުކާރަށްވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނު ދުވަހެއް. ކޮންމެ ކުއްޖަކަށް ނުވަ ލައްކައެއްހާ ރުފިޔާ މިކަމަށް ހޭދަވާނެ،" އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ތެލެސީމިއާއަކީ ރާއްޖޭގައި ލޭގެ އެންމެ އާންމު ބައްޔަށްވާއިރު އެ ކޮންޓްރޯލް ކުރުމަށް ރާއްޖޭގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.
އެގޮތުން، ފާއިތުވެދިޔަ އަހަރު އަތޮޅުތެރޭގައި ތެލެސީމިއާ ކުދިންނަށް ބޭނުންވާ ފިލްޓަރާއި ބޭސް ލިބޭނެ ފަސޭހަ މަގެއް ފޯރުކޮށްދީފައިވާނެ ކަމަށާއި، 13 އަތޮޅެއްގައި ތެލެސީމިއާ ސްކްރީން ކުރެވޭ އިންތިޒާމުވެސް ހަމަޖެހިފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މައިންބަފައިންގެ ކިބައިން ދަރިންނަށް ވާރުތަވާ ބަލިތަކުގެ ތެރެއިން ތެލެސީމިއާ ބައްޔަކީ ލޭގައި ހުންނަންޖެހޭ މާއްދާއެއް ކަމަށްވާ، ހިމަގުލޮބިން މަދުވުމުގެ ސަބަބުން ކުއްޖާގެ ހަށިގަނޑުން ލޭ އުފެދުން މަދުވާތީ ދިމާވާ ސިއްހީ ހާލަތެކެވެ.
އާބާދީގެ ނިސްބަތުން ތެލެސީމިއާ ކެރިއަރުން އެންމެ ގިނަ ގައުމަކީ ދިވެހިރާއްޖެއެވެ.