15 Jan 2018, 13:21
ޒަކާތު ފަންޑުގެ ހަރަދުގައި ރާއްޖެ އިން ބޭރުގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ފުރުސަތު 32 ކުއްޖަކަށްދީ އެކަމުގެ ލިއުން މިއަދު ހަވާލުކޮށްފި އެވެ.
އިންޑިއާގައި ބޯންމެރޯ ހެދުމަށް ފުރުސަތު ދިން ކުންދިންނަށް އެ ކަމުގެ ލިއުން ލިޔުން ހަވާލުކޮށްދެއްވީ، އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފަސްޓްލޭޑީ މެޑަމް ފާތިމަތު އިބްރާހީމެވެ.
މިއަދު ލިޔުން ހަވާލުކުރި 32 ކުދިންނާ އެކު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ފުރުސަތު 55 ކުއްޖަކަށް ވަނީ ދީފައި ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުންޏެވެ. އަދި މިއީ މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ހާސިލު ކުރުމަށްވި ވައުދުގެ ދެ ގުނަ އިތުރު އަދަދެކެވެ.
މި ސަރުކާރުން މީގެ ކުރިން 25 ކުއްޖަކަށް ބޯންމެރޯ ހެދުމުގެ ފުރުސަތު ވަނީ ދީފަ އެވެ.
އިސްލާމިކް މިނިސްޓްރީ އިން ބުނީ ކޮންމެ ކުއްޖެއްގެ އޮޕަރޭޝަނަށް ޒަކާތު ފަންޑުން 900،000 ރުފިޔާ ވަރު ހަރަދުވާނެ ކަމަށެވެ.
އެ މިނިސްޓްރީ އިން ބުނީ ޓްރާންސްޕްލާންޓް ހެދުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ ބެންގަލޫރުގައި ހުންނަ މަނިޕާލް ހޮސްޕިޓަލްގައި ކަމަށެވެ.
މޯލްޑިވްސް ބްލަޑް ސާވިސް އިން ބުނީ ތެލެސީމިއާގެ ދަފްތަރުގައި މިހާތަނަށް 861 ކުއްޖަކު ރެޖިސްޓްރީކޮށްފައިވާ ކަމަށާއި ކޮންމެ އަހަރަކު ވެސް ކުދިން އެ ލިސްޓަށް އިތުރުވަމުންދާ ކަމަށެވެ.
ތެލެސީމިއާ ބައްޔަކީ ލޭގައި ހުންނަން ޖެހޭ މާއްދާއެއް ކަމަށްވާ ހީމަގުލޮބިން ހުންނަން ޖެހޭ މިންވަރަށް ނުހުރުމުން ނުވަތަ އެ މާއްދާ ލޭގައި މަދުވުމުގެ ސަބަބުން ކުއްޖާގެ ގައިގާ ލޭ އުފައްދަން ޖެހޭ މިންވަރަށް ލޭ ނުއުފެއްދުމުން ކުއްޖާއަށް ދިމާވާ ސިއްހީ ބައްޔެކެވެ.
ތެލެސީމިއާ ބައްޔަކީ ރާއްޖޭގައި އެންމެ އާއްމު ލޭގެ ބައްޔަށްވާ އިރު އާބާދީގެ ނިސްބަތުން ތެލެސީމިއާ ކެރިއަރުން އެންމެ ގިނަ އެއް ގައުމަކީ ވެސް ރާއްޖެ އެވެ.
ބޯންމެރޯ ޓްރާންސްޕްލާންޓަކީ ތެލެސީމިއާ ކުދިންނަށް އޮންނަ ހަމައެކަނި ދާއިމީ ފަރުވާ އެވެ.