ވެދާާއި ބައިބްލާއި އަދި މިނޫންވެސް އެހެނިހެން ދީންތަކުގެ ފޮތްތަކާ އަލްޤުރުއާނުލްކަރީމާ ވަރަށް ބޮޑަށް ތަފާތެވެ.

ހިންދީދީނުގެ ދީނީފޮތްތަކުގެ ތެރެއިން އަސާސީފޮތްތަކަކީ ހަތަރު ވެދެއެވެ. ވެދުތައްހުރީ ސަންސްކްރިތު ބަހުންނެވެ. ސަންސްކްރިތުގެ މާނައަކީ އައުބަހެވެ. ނުވަތަ ސާފުކޮށް އަލިކޮށްރީތިކޮށްފައިވާ ބަހެވެ. ހިންދީންގެ ބައެއް މީހުންގެ ޢަޤީދާގައިވާ ގޮތުން އިންސާނުން ވުޖޫދަށް އައުމާއެކު އެބައިމީހުންނަށް ވެދު ލިބިއްޖެއެވެ. އެހެން ކަމުގައިވާނަމަ ވެދުގެ އަސްލު އޮންނާން ޖެހެނީ ސަންސްކްރިތު ބަހަކުންނޫނެވެ. އެއަށްވުރެ ކުރީގެ ބަހަކުންނެވެ. ފަހުން ވުޖޫދުވެގެން އަންނަ ބަސްތަކުން ވެދު ލިޔެވެމުން އަންނައިރު ވެދުގައި ތަފާތު ހުރުމަކީ ފިޠުރީކަމެކެވެ.

މިމޭރުމުން ޔަހޫދީންގެ ތައުރާތާމެދު ވިސްނައިވަޑައިގަންނަވާށެވެ. ތައުރާތު ލިޔެވުނީ އެފޮތް ބާވައިލެއްވިތާ އެތައްސަތޭކަ އަހަރެއްގެ ފަހުންނެވެ. ތައުރާތުގެ އެންމެ ފުރަތަމަ ލިޔެވުނު ނުސްޚާވެސްވަނީ ގެއްލިފައެވެ. ތައުރާތުގެ އެންމެ ދުވަސްވީ ކޮޕީތަކެއް މިހާރުހުރީ ލެޓިންބަހުންނާއި ގްރީކު ބަހުންނެވެ. އިސްރާއީލުން މިހާރުވަނީ ޢިބްރާނީ (Hebro) ބަހަށް ތައުރާތު އަލުން ތަރުޖަމާކޮށްފައެވެ. މިގޮތަށް އަސްލުގެއްލި ތަރުޖަމާތަކުގެ ތަރުޖަމާއިން އެފޮތްބާވައިލެއްވި ބަހަށް ތަރުޖަމާކުރެވިފައިވާ ފޮތެއް އަސްލާގުޅުންހުންނާނެވަރު އެންމެންނަށްވެސް އެނގޭނެއެވެ.

ބަހްރުލް މައްޔިތުގެ ކައިރީގައި ހުންނަ ޤަމްރާން ހޮހަޅައިން ޢިބްރާނީބަހުން ލިޔެވިފައި ހުރި ތައުރާތުގެ ސަފުޙާތަކެއް ވަނީ ފެނިފައެވެ. އެސަފްޙާތަކަކީ ތަރުތީބެއްނެތް ވިއްސިވިހާލިވެފައިވާ ބައިތަކެކެވެ. ތައުރާތުގެ އެންމެ ތާޒާހޯދުމަކީ މިއީއެވެ.

އީސާގެފާނަށް އިންޖީލު ބާވައިލެއްވިކަމުގައި ބެލެވެނީ ސުރިޔާނީ ބަހުގެ ބަހުރުވައެއް ކަމުގައިވާ އާރާމީ ބަހުންނެވެ. (އިންޖީލަކީ ޤުރުއާނާ އެންމެ ކައިރި ތާރީޚެއްގައި ބާވައިލެއްވި މުޤައްދަސް ފޮތެވެ. ނަމަވެސް އެފޮތުގެ ޙާލުހުރި ގޮތަކީ އެބޭކަލަކަށް އެފޮތް ބާވައިލެއްވި ނަބިއްޔާ މަސީހު ޢަލައިހިއްސަލާމް ވާހަކަ ދެއްކެވީ ކޮން ބަހަކުންކަންވެސް އަދިވެސް ކަނޑައެޅިގެނެއް އޮޅުމެއް ނުފިލައެވެ. ލަފަޔަކަށް ބުނެވޭ ގޮތުގައި އެކަލޭގެފާނު ވާހަކަދެއްކެވި ބަހަކީ އާރާމީ ނުވަތަ އެރަމައިކު (Aramaic) ބަސްކަމުގައި ވެދާނެއެވެ. ނަމަވެސް އިންޖީލުގެ ސިފައިގައި މިއަދު ފެންނާން މިއޮތް އެކަލޭގެފާނުގެ އުނގަންނައިދެއްވުން ތަކެއްކަމުގައި ދަޢުވާ ކުރެވޭ ރެކޯޑުގެ އެންމެެ މުސްކުޅި ކޮޕީއެއް އޮތީ ގްރީކު ބަހުންނެވެ. އާދެ މަސީހުގެ ޚިޔާލުފުޅުތައް މިއަދު އަޅުގަނޑުމެންގެ ތެރޭގައި މިއޮތީ ހަމައެކަނި ތަރުޖަމާކުރެވިފައިވާ އެއްޗެއްގެ ސިފައިގައެވެ. އަދި މިހައިތަނަކުންވެސް ނުނިމެއެވެ. އިންޖީލުގެ އެންމެ މުސްކުޅި ކޮޕީ ލިޔެވިފައިވާ ގްރީކު ބަހަކީ މުސްކުޅި ގްރީކު ބަހާ ވެސް މިޒަމާނުގެ ގްރީކު ބަހާ ވެސް މުޅީން ތަފާތު ބަހެކެވެ. އަށާރަވަނަ ޤަރްނުގެ ނިމުމާހަމައަށްވެސް ނިއުޓެސްޓަމަންޓުގެ އެންމެ މަދުވެގެން 550 ލަފުޒަކީ (ފޮތުގެ އަޞްލު ލިޔުމުގެ ބާރަ އިންސައްތަ) މާނަ ނޭނގޭ ލަފުޒުތަކެކެވެ. ނަވާރަވަނަ ޤަރުނުގައި ޖަރުމަން ޢިލްމުވެރިޔެއް ކަމުގައިވާ އެޑޮލްފް ޑެޒްމަން (Adolf Deissmann) މިސުރުން މުސްކުޅި ލިޔުންތަކެއް ހޯއްދެވިއެވެ. އެލިޔުންތައް މުޠާލިޢާކުރެއްވުމަށްފަހު އޭނާ ޤިޔާސްކުރެއްވި ގޮތުގައި ބައިބަލިކަލް ގްރީކު (Biblilac Greek) އަކީ ޙަޤީޤަތުގައި ޤަދީމީ ގްރީކުބަހުގެ ދަށްފެންވަރުގެ މައްބަހުރުވައެކެވެ. އެއީ އީސާގެފާނުގެ ފުރަތަމަ ޤަރުނުގައި ފަލަސްޠީނުގެ ޢާންމުންގެ ތެރޭގައި ފެތުރިފައި އޮތް ބަހުރުވައެކެވެ. އޭނާ އިސްވެދެންނެވި މާނަ ނޭނގޭ ލަފުޒުތަކަށް މާނަތަކެއް ކަނޑައެޅުއްވިއެވެ. ނަމަވެސް މިހާރުވެސް ގްރީކު އިންޖީލުގައި އެއްގޮތަކަށްވެސް މާނަ ނޭނގޭ 50 ލަފުޒު (ފޮތުގައި ލިޔުމުގެ އެކެއް އިންސައްތަ) އެބައޮތެވެ.

Xavier Leon-Dufour SJ., The Gaspels and The Jesus

Of History

Desclee Co. Inc., New York 1970, pp. 79-80)

ނަމަވެސް އަލްޤުރުއާނުލްކަރީމް އެބަހަކުން ބާވައިލެއްވި އަރަބިބަސް ފިއްޔެއްގެވެސް ތަފާތެއްނެތި މިއަދުވެސް ދުނިޔޭގައި ދެމި އެބައޮތެވެ. (މުރާކިޝުން ފެށިގެން ޢިރާޤާ ހަމަޔަށް އެތައް މިލިޔަން ބަޔަކު ވާހަކަ ދައްކަނީ އެބަހުންނެވެ.) ތަރުޖަމާއެއްނޫން ގޮތަކަށް އެފޮތެއް ބާވައިލެއްވި އަސްލުބަހުން ފެންނާން އޮތް ހަމައެކަނި މުޞްޙަފަކީ އަލްޤުރުއާނުލްކަރީމެވެ. މިއީ އަލްޤުރުއާނުލްކަރީމްގެ އިމްތިޔާޒީ ސިފައެކެވެ. ޤުރުއާނުގެ އިޢުޖާޒެކެވެ. ވިސްނައިވަޑައިގަންނަވާށެވެ.

  • ހިންދީ ދީނުގެ ފޮތްތައް ކަމުގައިވާ ވެދުތައް މިހާރު މިހިރީ އެފޮތްތަކުގެ އަޞްލުބަހަކުންނޫނެވެ. ސަންސްކްރިތު ބަހުންނެވެ. ސަންސްކްރިތަކީވެސް މިހާރު ވާހަކަ ދައްކައި އުޅޭބަހެއް ނޫނެވެ.

  • ޔަހޫދީންގެ ދީނީފޮތް ބާވައިލެއްްވި ޢިބްރާނީ ބަސްވެސް މަރުވެފައި އޮންތާ ޤަރްނު ތަކެއް ވެއްޖެއެވެ. (އިސްރާއީލުން މިހާރުގެންދަނީ އެތާނގެ އާއްމުންނަށް އެބަސް މަޖުބޫރުކުރަމުންނެވެ. )
  • ޢީސާޢަލައިހިއްސަލާމްގެ ބަސްކަމުގައިބެލެވޭ އާރާމީ ބަހަކީވެސް މިހާރު ބަޔަކު މޮށެއުޅޭ ބަހެއްނޫނެވެ.
  • ގޯތަމް ބުދު ގެ ބަސް ޕާލީއަކީ ވެސް މިހާރު މަަރުވެފައިވާ ބަހެކެވެ. ބަޔަކު ވާހަކަ ދައްކައި އުޅޭ ބަހެއްނޫނެވެ.

މިއާ ޚިލާފަށް އަލްޤުރުއާނުލްކަރީމާއި އެފޮތް ބާވައިލެއްވިބަސް އޭގެ އަސްލާއެއްގޮތަށް މިއަދުވެސް ދުނިޔޭގައި ދިރިދެމި އެބައޮތެވެ. އަދިވެސް ވިސްނައިވަޑައިގަންނަވާށެވެ.

  • ހަތަރު ވެދު

  • ޔަހޫދީންގެ ތައުރާތު
  • ނަސާރާއިންގެ އިންޖީލު
  • ގޯތަމް ބުދުގެ "ތައްމާބުއްދަމް"

މިހުރިހާ ފޮތްތަކެއްވެސް ލިޔެވުނީ އެފޮތްތަކެއް ލިބިވަޑައިގެންނެވި ކަމުގައި ބުނެވޭ ހަސްތީން އަވަހާރަވީތާ އެތައް ސަތޭކަ އަހަރެއްގެ ފަހުންނެވެ. އަލްޤުރުއާނުލްކަރީމަކީ ބާވައިލައްވަމުން ގެންދެވި ވަރަކަށް ލިޔެވެމުން ތަރުތީބުކުރެވެމުންދިޔަ ހަމައެކަނި ފޮތެވެ. އަލްޤުރުއާނުލްކަރީމް ލިޔެވެމުން ތަރުތީބުކުރެވެމުން ދިޔައީ ސީދާ އެފޮތް ދެއްވި ސަހިބާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަގެ ބެއްލެވުމުގެ ދަށުންނެވެ. ޞަޙާބީން ލިޔުއްވައި ތަރުތީބު ކުރައްވަމުން ގެންދެވި ބައިތައް އެބޭކަލުން ގެންދެވީ އިތުރު ސާހިބާ އަށް ވިދާޅުވެދެއްވައި ތަސްދީޤުކުރުއްވަމުންނެވެ. (އޭގެ އިތުރަށް އެމާތްސާހިބާގެ ގެކޮޅުގައި އެމާތްސާހިބާގެ ސީދާ ބެއްލެވުމުގެ ދަށުން އުއްމުލް މުއުމިނީން އައްސައްޔިދާ ޙަފުޞާ ރަޟިޔަﷲ ޢަންހާ އެމަސައްކަތްޕުޅު ކުރައްވަމުންގެންދެވިއެވެ.) އިތުރު ސާހިބާ ސުވަރުގެ ވަޑައިގަތުމާއެކު އެމާތްސާހިބާގެ ޚަލީފާ އަބޫބަކުރުއް ޞިއްދީޤު ރަޟިޔަﷲ ޢަންހު ވަނީ ކީރިތި ޤުރުއާން ފޮތެއްގެ ސިފައިގައި ލިޔުއްވައި ދެބޭރުގަނޑުގެ ދެމެދަށް ޖަމާކުރައްވައިފައެވެ.

(އަމީރުލް މުއުމިނީން އަބޫބަކުރުއް ޞިއްދީޤު ރަޟިޔަﷲ އަންހު ކީރިތި ޤުރުއާން އެއްފޮތަކަށް ޖަމާކުރެއްވީ ކައުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޒަމާނުގައި ވަޙީލިޔުއްވި ކާތިބުން ޝާމިލުވާ ކޮމެޓީއަކާ ހަވާލުކުރައްވައިގެންނެވެ. އިތުރުސާހިބާގެ ޒަމާނުގައި ލިޔެވިފައިހުރި ތަކެއްޗާއި ކީރިތި ޤުރުއާން ހިތްޕުޅުން ދަސްކުރައްވައި ކައުސާހިބާ ޞައްލަﷲޢަލައިހި ވަސައްލަމަގެ އަރިހުން "ސަނަދުހޯއްދަވައިފައިވާ" ޙާފިޒުންގެ ހަނދުމަފުޅާ އަޅުއްވައި ބައްލަވައި ޑަބަލްޗެކް ކުރައްވަމުންނެވެ. އެމަސައްކަތްޕުޅުގެ ހާމަކަން ބޮޑުކުރައްވައި މަސައްކަތްހިނގަމުންދާ ގޮތް އެންމެންނަށް ފެނިދެނިވާނެގޮތް ހެއްދެވުމަށްޓަކައި ލިޔުއްވުމުގެ މަސައްކަތް ކުރެއްވީ އަލްމަސްޖިދުއްނަބަވީގެ ދޮރުކޮޅުމަތީގައި ތިއްބަވައިގެންނެވެ.) މިފަދަ ޚާއްޞަ އިހްތިމާމަކާއެކު ލިޔެވިފައިވާ ހަމައެކަނިފޮތަކީ ކީރިތި ޤުރުއާނެވެ. އެފޮތެއްގެ ބަސް ދިރިއޮތް އެފޮތެއްގެ ފިއްޔަކަށްވެސް ފަރަގެއް ނައިސް ރައްކާތެރި ކުރެވިފައިވާ ކީރިތި ޤުރުއާނެވެ.