ސަރުކާރަށް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ރުފިޔާއިން ބަލައިގަތުމަށް ކެބިނެޓުން ނިންމާފައިވާތީ، ހަތަރު ބާވަތެއްގެ ފީ ފިޔަވައި އެހެން ހުރިހާ ފައިސާއެއް ރުފިޔާއިން ބަލައިގަތުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ )މީރާ( އިން ނިންމައިފި އެވެ.

މީރާ އިން މިއަދު ނެރުނު ބަޔާނުގައިވާ ގޮތުގައި، އެ އޮތޯރިޓީން ޑޮލަރުން ބަލައިގަންނަމުން އަންނަ 15 ރެވެނިއު ކޯޑުގެ ތެރެއިން ހަތަރު ރެވެނިއު ކޯޑެއް ފިޔަވައި އެހެން ހުރިހާ ފައިސާއެއް ވެސް މިހާރު ރުފިޔާއިން ބަލައިގަންނަން ފަށާފައިވަނީ ސަރުކާރުގެ ކަމާބެހޭ ހުރިހާ މުއައްސަސާތަކާ މަޝްވަރާކުރުމަށްފަހު އެވެ.

އެބަޔާނުގައިވާ ގޮތުގައި، ޑޮލަރުން ބަލައިގަންނަމުންދަނީ ހަމައެކަނި ޓޫރިޒަމް ޓެކްސް އާއި ޓޫރިޒަމް ގުޑްސް އެންޑް ސާވިސަސް ޓެކްސް )ޓީޖީއެސްޓީ( އަދި ލޭންޑް ރެންޑް ]ރިސޯޓު، އަދި ހޮޓާ ފަދަ ތަންތަން ތަރައްގީ ކުރުމަށް ދޫކޮށްފައިވާ ތަންތަނުގެ ބިމު ކުލީ[ގެ އިތުރުން ރިސޯޓު ކުލި ދައްކަން ޖެހޭ މުއްދަތު އިތުރުކުރަން ނަގައި ފީ އެވެ.

ނަމަވެސް، އެފައިސާ ވެސް އަންނަ މަހުން ފެށިގެން ރުފިޔާއިން ބަލައިގަނެވޭނެ ގޮތް ހަމަޖެއްސުމަށްޓަކައި ޓޫރިޒަމް ގާނޫނާއި ޓީޖީއެސްޓީ ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމުގައި މީރާ އިން ބުނެ އެވެ.

"އަދި އެ އިސްލާހުތައް ގެނެވުމުން މިއަންނަ މަހުން ފެށިގެން އެ ފައިސާވެސް ބަލައިގަންނާނީ ދިވެހި ރުފިޔާއިން،" މީރާއިން ބުނެފައިވެ އެވެ.

ޓެކްސް ނެގުމުގެ އިދާރީ ގާނޫނުގައި ޓެކްސާ ބެހޭ ހުރިހާ ގާނޫނެއް ތަންފީޒުކޮށް ސިޔާސަތުތައް ކަނޑައެޅުމަކީ މީރާގެ މަސްއޫލިއްޔަތެއް ކަމުގައި ބަޔާންކޮށްފައިވާތީ، އެފަދަ ގާނޫނުތަކާއި ސިޔާސަތުތައް ގާނޫނުތަކާ އެއްގޮތަށް ތަންފީޒުކުރުމުގައި ކުރަން ޖެހޭ ހުރިހާ ކަަންތައްތަކެއް ކުރާނެ ކަމަށް ވެސް މީރާއިން ވަނީ ބުނެފަ އެވެ.

ސަރުކާރަށް ހުރިހާ ފައިސާއެއް ރުފިޔާއިން ބަލައިގަންނަން މިމަހުގެ 9 ވަނަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ނިންމެވުމާ ގުޅިގެން، މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން އެ ނިންމުމަށް އަމަލުކުރަން ފެށުމަށް ފިނޭންސުން މީރާ އަށް އަންގާފައިވެ އެވެ. ނަމަވެސް، ބައެއް ބާވަތުގެ ޓެކުހާއި ފީތައް ޑޮލަރުން ނެގުމަށް ގާނޫނުތަކުން ލާޒިމް ކޮށްފައިވާތީ އެ ނިންމުމަށް އަމަލުކުރުމަށް މީރާއިން ވަނީ އޭރު ދެކޮޅުހަދައިފަ އެވެ.