މަތީ ތައުލީމުގެ ގިނަ ފުރުސަތުތަކަކާ އެކު، ތިން ގައުމަކުން ރާއްޖެއަށް 1،300 އަށް ވުރެ ގިނަ ސްކޮލަޝިޕް ދިނުމުގެ އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ހެނދުނު ބެއްވި ރަސްމިއްޔާތެއްގައި، މެލޭޝިއާގެ ދެ ޔުނިވާސިޓީއާއި ލަންކާގެ ޔުނިވާސިޓީއެއްގެ އިތުރުން އިންޑިއާގެ ޔުނިވާސިޓީއަކުން ވަނީ ޖުމްލަ 1،325 ސްކޮލަޝިޕް ރާއްޖެއަށް ދީފައެވެ. އޭގެ ތެރޭގައި 230 ފުލް ސްކޮލަޝިޕާއި 1،095 ޕާޝަލް ސްކޮލަޝިޕް ހިމެނެއެވެ.

ސްކޮލަޝިޕް ހުށަހަޅާ ޔުނިވާސިޓީތައް:

  • ޔޫސީއެސްއައި ޔުނިވާސިޓީ (މެލޭޝިއާ)

  • މެނޭޖްމަންޓް އެންޑް ސައިންސް ޔުނިވާސިޓީ (މެލޭޝިއާ)
  • ލަވްލީ ޕްރޮފެޝަނަލް ޔުނިވާސިޓީ (އިންޑިއާ)
  • އީސޮފްޓް މެޓްރޯ ކެމްޕަސް (ސްރީލަންކާ)

އެމްއޯޔޫގެ ދަށުން ޔޫސީއެސްއައި އާއެކު ސޮއިކޮށްފައިވަނީ ފަސް އަހަރުގެ މުއްދަތަކަށެވެ. އަދި މެނޭޖްމަންޓް އެންޑް ސައިންސް ޔުނިވާސިޓީއާއެކު ސޮއިކޮށްފައިވަނީ ވަކިމުއްދަތެއް ނެތިއެވެ. ލަވްލީ ޕްރޮފެޝަނަލް ޔުނިވާސިޓީއާއެކު ތިން އަހަރުގެ މުއްދަތަކަށް އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު އީސޮފްޓާއެކު ވަނީ ހަ އަހަރުގެ މުއްދަތަކަށް ސޮއިކޮށްފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި ސްކޮލަޝިޕްގެ ދަށުން މިހާރުވެސް ލަވްލީ ޕްރޮފެޝަނަލް ޔުނިވާސިޓީގެ ރާއްޖޭގެ 12 ދަރިވަރަކު، ޔޫސީއެސްއައިގައިި ހަތަރުު ދަރިވަރުން އަދި މެނޭޖްމެންޓް ޔުނިވާސިޓީގައިވެސް ހަތަރު ދަރިވަރަކު ކިޔަވަމުން ދެއެވެ.