15 Jan 2018, 11:48
ޔޫރަޕުގެ ބޮޑު ފަސް ލީގުގެ ތެރެއިން ލީގެއްގައި އެއް ޓީމަކަށް އެންމެ ގިނަ ގޯލު ޖަހައިގެން ޖަރުމަން ލެޖެންޑް ގާޑް މުލާ ހަދާފައިވާ ރެކޯޑު، ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީ މުގުރާލައިފިއެވެ.
މިދިޔަ ހަފްތާގައި ލެވަންޓޭއާ ދެކޮޅަށް ކުޅުނު މެޗުގައި މެސީ ވަނީ މުލާގެ ރެކޯޑާ އަރާ ހަމަކޮށްފައެވެ. އެއީ އޭނާ ބާސާއަށް ކުޅުނު 400 ވަނަ ސްޕެނިޝް ލަލީގާ މެޗެވެ.
މުލާގެ ރެކޯޑު މެސީ މުގުރާލީ ސްޕެނިޝް ލަލީގާގައި ރޭ ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. ސޮސިއެޑާޑް އަތުން 4-2 ގެ ނަތީޖާއަކުން ބާސާ މޮޅުވި މެޗުގައި ރެކޯޑު މުގުރާލި ގޯލު މެސީ ކާމިޔާބުކުރީ 25 ޔާޑު ދުރުން އޭނާ ފޮނުވާލި ހިލޭ ޖެހުމަކުންނެވެ. އެއީ އޭނާގެ 401 ވަނަ ލީގު މެޗެވެ. ރޭގެ ލަނޑާއެކު ބާސާއަށް މެސީ ޖެހި ލީގު ގޯލުގެ އަދަދު ވަނީ 366 އަށް އަރައިފައެވެ.
މުލާ ރެކޯޑު ހަދާފައިވަނީ ބަޔާން މިއުނިކާއެކު ޖަރުމަން ބުންޑަސްލީގާގައި 365 ގޯލު ކާމިޔާބުކޮށްގެންނެވެ. އޭނާ އެ ރެކޯޑު ހެދީ ބަޔާނަށް 1964 އިން ފެށިގެން 1979ގެ ނިޔަލަށް ކުޅުނު 427 ބުންޑަސްލީގާ މެޗުންނެވެ.
މިސީޒަނުގެ މިހާތަނަށް މެސީގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފައެވެ. މިހާތަނަށް ލަލީގާގައި ބާސާއަށް މެސީ 16 ލަނޑު ކާމިޔާބުކޮށްދީފައިވާ އިރު، އަށް ލަނޑު ކާމިޔާބުކޮށްދިނުމަށް އޭނާ އެހީތެރިކަން ފޯރުކޮށްދިނެވެ. މެޗަކުން ބަލިނުވެ، ލަލީގާގެ ތާވަލުގެ އެއްވަނައިގައި ބާސާ ދެމިއޮތުމުގައި އެންމެ އިސް ދައުރެއް އަދާކުރި ކުޅުންތެރިޔަކީ މެސީއެވެ.
ސޮސިއެޑާޑް އަތުން ރޭ ބާސާ މޮޅުވުމާއެކު ލީގު ތާވަލުގެ ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ބާސާއާ ދެމެދު މިހާރު 19 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.