ދިއްލީ (ޖެނުއަރީ 15): އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިންޑިއާއަށް ކުރައްވާ ހަ ދުވަހުގެ ތާރީހީ ދަތުރުފުޅެއްގައި އިއްޔެ އެގައުމަށް ވަޑައިގެންފި އެވެ.

އެއީ 2003 ވަނަ އަހަރު އިސްރާއީލްގެ ކުރީގެ ބޮޑުވަޒީރު އެރިއެލް ޝެރޯން އިންޑިއާ އަށް ވަޑައިގަތް ފަހުން އެގައުމުގެ ބޮޑުވަޒީރަކު އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ބޮޑުވަޒީރު ނަތަންޔާހޫ އަށް ނިއު ދިއްލީ އެއާޕޯޓުން މަރުހަބާ ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ. އަދި މޯދީ ވަނީ ދެ ބޭފުޅުންގެ ފޮޓޯއެއް ޓުވީޓު ކުރައްވައި، އެ ދަތުރުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ވެގެން ދާނެ ކަމަށް ވިދާޅުވެފައި އެވެ.

ނަތަންޔާހޫ އިންޑިއާއަށް ވަޑައިގަންނަ ވަނީ އެމެރިކާ އިން ގުދުސަކީ އިސްރާއީލުގެ ވެރިރަށް ކަމަށް ބަލައިގަތުމުން، އެނިންމުމާ ދެކޮޅަށް އދ.ގެ ޖެނެރަލް އެސެމްބްލީން ވޯޓެއް ނެގިތާ ހަފްތާއެއް ފަހުންނެވެ. އެވޯޓުގައި އިންޑިއާއިން ވެސް ތާއިދުކޮށްފައި ވަނީ އެމެރިކާގެ ނިންމުމާ ދެކޮޅަށެވެ.

އަދި ނަތަންޔާހޫ ވަނީ އިންޑިއާ އިން އެފަދައިން ވޯޓު ދިނުމުން ހިތާމަ ކުރެއްވި ނަމަވެސް އޭގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް ބަދަލެއް ނާންނާނެ ކަމަށް ވިދާޅުވެފަ އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާސް މިނިސްޓްރީން ވަނީ ނަތަންޔާހޫގެ ދަތުރުފުޅުގައި ސައިބާސެކިއުރިޓީ އާއި ހަކަތަ އާއި ފިލްމް އުފެއްދުން ފަދަ ދާއިރާތަކުން ދެ ގައުމުގެ މެދުގައި އެއްބަސްވުންތަކުގައި ސޮއި ކުރާނެ ކަމަށް ބުނެފަ އެވެ.

އަދި މިދިޔަ އަހަރު އިސްރާއީލަށް މޯދީ ކުރެއްވި ދަތުރުފުޅުގައި ދެ ގައުމުން ހަދާފައިވާ ޓެކްނޮލޮޖީ އާއި ފެނާއި ދަނޑުވެރިކަމާ ބެހޭ އެއްބަސްވުންތަކާ ބެހޭ ގޮތުން ވެސް މިދަތުރުގައި މަޝްވަރާ ކުރާނެ ކަމަށް އެމިނިސްޓްރީން ބުންޏެވެ. (އެންޑީޓީވީ)