ފާއިތުވި ޑިސެމްބަރު މަހު ދިވެހިރާއްޖެ އިން މަހުގެ ބާވަތްތައް އެކްސްޕޯޓު ކުރި މިންވަރު މިދިޔަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު 96 ޕަސެންޓް އިތުރުވެއްޖެ ކަމަށް މޯލްޑިވްސް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ތަފާސް ހިސާބުތައް ތައްކާ ގޮތުން ފާއިތުވި ޑިސެމްބަރު މަހު ދިވެހިރާއްޖެ އިން މަހުގެ ބާވަތްތައް އެކްސްޕޯޓު ކުރެވުނު މިންވަރު ވަނީ 391 މިލިއަން ރުފިޔާއަށް އަރައިފަ އެވެ. އަދި އެއީ 2016 ވަނަ އަހަރު އެކްސްޕޯޓް ކުރި 200 މިލިއަން ރުފިޔާއަށް ވުރެ 96 ޕަސެންޓް އިތުރުވުމެކެވެ.

ދިވެހިރާއްޖެ އިން މައިގަނޑުގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތައްކަމަށްވާ އިރު މިދިޔަ ޑިސެމްބަރު މަހު އެކްސްޕޯޓްކުރި މުދަލުގެ 61 ޕަސެންޓް އެކްސްޕޯޓްކޮށްފައި ވަނީ ތައިލެންޑަށް ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

މިދިޔަ ޑިސެންބަރު މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގަކީ 3.7 ބިލިއަން ރުފިޔާ ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. އެއީ 2016 ވަނަ އަހަރުގެ ޑިސެންބަރު މަހު އެތެރެކުރި 3.3 ބިލިއަން ރުފިޔާއަށް ވުރެ 10 ޕަސެންޓް އިތުރު އަދަދެކެވެ.

އިމްޕޯޓްކުރި މުދަލުގެ އަގުގެގޮތުން 14 ޕަސެންޓް ޔޫއޭއީ އަދި ސިންގަޕޫރުން އިމްޕޯޓްކޮށްފައިވާ އިރު، އިންޑިއާ، ޗައިނާ އަދި މެލޭޝިއާއިން 10 ޕަސެންޓް މުދާ އެތެރެކޮށްފައިވާ ކަމަށް ކަސްޓަމްސްގެ ހިސާބުތަކުން ދައްކަ އެވެ.

ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު އިތުރުވެފައިވާ އިރު، އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީ ގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ 286 މިލިއަން ރުފިޔާއަށް އަރައިފަ އެވެ. އެއީ 2016 ވަނަ އަހަރު ކަސްޓަމްސް އިން ދައުލަތަށް ލިބުނު 265 މިލިއަން ރުފިޔާ އަށްވުރެ އަށް ޕަސެންޓް އިތުރު އަދަދެކެވެ.