މި އަހަރަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓަރުންގެ ބޯޑަށް އެ ކުންފުނީގެ އާންމު ހިއްސާދާރުންގެ ތެރެއިން ހޮވާ ތިން ޑިރެކްޓަރުންގެ މަގާމަށް ކުރިމަތުލުމަށް ފުރުސަތު ހުޅުވާލައިފި އެވެ.

ބީއެމްއެލުން މިދިޔަ މަހު ކުރި އިއުލާނެއްގައި ބުނީ އެ މަގާމަށް އެދި ހުށަހެޅުމުގެ ފޯމު، 15 ޖެނުއަރީން ފެށިގެން ފެބްރުއަރީ 22ގެ ނިޔަލަށް ލިބެން ހުންނާނެ ކަމަށާއި އެ މުއްދަތުގައި ފޯމު ބަލައިގަންނަމުން ވެސް ދާނެ ކަމަށެވެ.

ބީއެމްއެލުން ބުނީ އެ ކުންފުނީގެ ބޯޑު ޑިރެކްޓަރަކަށް ވެވޭނީ ބޭންކިންގް، މާލީ ޚިދުމަތް، އިންވެސްޓްމެންޓް ވިޔަފާރި އަދި މާކެޓު ރިސްކާ ބެހޭ މައުލޫމާތު ލިބިފައި ހުރި، އަޚްލާގު ރަނގަޅު އަދި އާންމު ހިއްސާދާރުންގެ މަސްލަހަތު ތަމްސީލުކޮށްދޭނެ، އަދި ސާބިތު ދަރަންޏެއް ނެތް، 30 އަހަރާއި 70 އަހަރާ ދެމެދުގެ ފަރާތްތަކަށް ކަމަށެވެ. އަދި ޚާއްސަކޮށް އަންހެން ބޭފުޅުން ބޯޑަށް ކުރިމަތިލެއްވުމަށް ބީއެމްއެލް އިން ބާރުއަޅާފައިވެ އެވެ.

ބީއެމްއެލްގެ ބޯޑުގައި 11 ޑިރެކްޓަރުން ތިއްބަވަ އެވެ. އެއީ ސަރުކާރުން އައްޔަންކުރާ އަށް ޑިރެކްޓަރަކާއި އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް އައްޔަނުކުރާ ތިން ޑިރެކްޓަރުންނެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ބޯޑު ޑިރެކްޓަރުން

(ސަރުކާރުގެ ފަރާތުން އައްޔަން ކުރެއްވި ބޭފުޅުން)

  • ސައީދާ އުމަރު (ޗެއާޕާސަން)

  • އެންޑްރޫ ހީލީ (މެނޭޖިންގް ޑިރެކްޓަރު، ސީއީއޯ)
  • މުހައްމަދު ޝަރީފް (ޑެޕިއުޓީ ސީއީއޯ)
  • މުހައްމަދު ލުވޭޒް
  • އަބްދުލްހާރިސް
  • އާއިޝަތު އަރުޝާ
  • ރާބިހު މުހައްމަދު

(އާންމު ހިއްސާދާރުން ތަމްސީލުކުރައްވާ ބޭފުޅުން)

  • މުހައްމަދު އަބްދުލްސައްތާރު

  • އިބްރާހިމް މުހައްމަދު
  • އިބްތިޝާމާ އަހްމަދު ސައީދު

ބީއެމްއެލްގެ ބޯޑަށް އާ ޑިރެކްޓަރުން އައްޔަނު ކުރާނީ މި އަހަރު އެ ބޭންކުން ބާއްވާ، މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގަ އެވެ. އެ ޖަލްސާ ބާއްވާނެ ތާރީޚެއް ބީއެމްއެލުން އަދި ހާމައެއް ނުކުރެ އެވެ.