ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާގެ ރިޔާސީ ދައުރުގެ މުއްދަތަކީ ފަސް އަހަރުކަމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.

ސްރީލަންކާގެ ސުޕްރީމް ކޯޓުން މިގޮތަށް ކަނޑައެޅީ، ރައީސް ސިރިސޭނާގެ ރިޔާސީ ދައުރުގެ މުއްދަތަކީ ކޮބައިތޯ ސާފުކުރުމަށް، އެމަނިކުފާނު އަމިއްލަފުޅަށް ސުޕްރީމް ކޯޓުގެ ލަފާފުޅަކަށް އެދިވަޑައިގަތުމުންނެވެ.

ސްރީލަންކާގެ ރިޔާސީ ދައުރުގެ މުއްދަތުކަމުގައި ކުރިން އޮންނަނީ ހަ އަހަރެވެ. ނަމަވެސް 2015 ވަނަ އަހަރު، ރައީސް ސިރިސޭނާ އިސްވެ ހުންނަވައި އެގައުމުގެ ގާނޫނު އަސާސީއަށް ގެންނެވި 19 ވަނަ އިސްލާހާ އެކު، ރިޔާސީ ދައުރުގެ މުއްދަތު ވަނީ ފަސް އަހަރަށް ކުޑަކޮށްފަ އެވެ. އަދި އެކަކަށް ރައީސްކަން ކުރެވޭނީ ފަސް އަހަރުގެ ދެ ދައުރަށް ކަމަށް ވެސް އެ އިސްލާހުން ވަނީ ކަނޑައަޅައިފަ އެވެ.

ނަމަވެސް އެ އިސްލާހު ފާސްކުރީ ސިރިސޭނާ ރައީސްކަމުގެ ހުވާ ކުރެއްވުމަށް ފަހު ކަމަށް ވާތީ، އެމަނިކުފާނުގެ އަރިސް ބައެއް ބޭފުޅުން ގެންދެވީ، އެ އިސްލާހު އެމަނިކުފާނުގެ ރިޔާސީ ދައުރުގެ މައްޗަށް ނުހިނގާނެ ކަމަށް ބުނެ ވާހަކަ ދައްކަމުންނެވެ. މިކަމާ ގުޅިގެން ލަންކާގެ ސިޔާސީ ފަރާތްތަކުގެ މެދުގައި މި މައްސަލައާ މެދު ޚިޔާލު ތަފާތުވުން އުފެދުނެވެ.

އެހެންކަމުން މިދިޔަ ހަފްތާގައި ރައީސް ސިރިސޭނާ އަމިއްލަފުޅަށް ސުޕްރީމް ކޯޓުގެ ލަފައަކަށް އެދިވަޑައިގަތީ، ގާނޫނު އަސާސީ އަށް ގެނައި އިސްލާހުން ރިޔާސީ ދައުރުގެ ގޮތުގައި އޮންނަ ފަސް އަހަރުގެ އިތުރުން އިތުރު އެއް އަހަރަށް ވެރިކަން ކޮށް، ހަ އަހަރު އެމަނިކުފާނަށް ރައީސްކަމުގައި ހުންނެވޭތޯ ބެއްލެވުމަށެވެ.

އެކަން ބެލުމަށް ސުޕްރީމް ކޯޓުން ފަސް ފަނޑިޔާރުންގެ ބެންޗެއް އެކުލާވާލެވިގެން މަސައްކަތް ކޮށް، އިއްޔެ އެ ކޯޓުން ނިންމީ ގާނޫނު އަސަސީ އަށް ހުށަހެޅި އިސްލާހު ސިރިސޭނާގެ ރިޔާސީ ދައުރުގެ މައްޗަށް ވެސް ހިނގާނެ ކަމަށެވެ. އެހެންކަމުން އެމަނިކުފާނުގެ ރިޔާސީ ދައުރުގެ މުއްދަތަކީ ވެސް ފަސް އަހަރު ކަމަށް ކޯޓުން ކަނޑައެޅި އެވެ.

މިކަން ސުޕްރީމް ކޯޓުން އިއްޔެ ވަނީ ސްރީލަންކާގެ ރައީސްގެ އޮފީހަށް އަންގާފައި ކަމަށް ޑެއިލީމިރާ ނޫހުން ރިޕޯޓުކުރެ އެވެ.

އެ މައްސަލާގައި ލަފައަކަށް އެދިވަޑައިގެންފައި ވާތީ، ލަންކާގެ އިދިކޮޅު ސިޔާސީ ޕާޓީތަކުން ތުހުމަތުކުރަމުން ދިޔައީ، ރައީސް ސިރިސޭނާ ވެރިކަމުގައި އިތުރަށް ހުންނެވުމަށް ގޮތްތަކެއް ހޯއްދަވަމުން ދިޔައީ ކަމަށެވެ.

ނަމަވެސް ދާދި ފަހުން ބޭއްވި ސިޔާސީ ބައްދަލުވުމެއްގައި ރައީސް ސިރިސޭނާ ވިދާޅުވީ، އެމައްސަލާގައި ލަފައަކަށް އެދިވަޑައިގަތީ އެކަމާ މެދު ދެ ގޮތަކަށް ވާހަކަ ދެކެވި، ޚިޔާލު ތަފާތުވުން އުފެދިފައިވާތީ ކަމަށެވެ. އަދި ކޯޓުން ނިންމާ ގޮތެއް އެމަނިކުފާނު ގަބޫލުފުޅު ކުރައްވާނެ ކަމަށާއި އެމަނިކުފާނު މަގާމުން ވަކިވުމަށް ކޯޓުން އަމުރުކޮށްފި ނަމަ އެކަން ކުރައްވަން ވެސް ތައްޔާރަށް ހުންނެވި ކަމަށް ސިރިސޭނާ ވިދާޅުވި އެވެ.